ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ގދ. ވާދޫ، އަސްރަފީގެ މުހައްމަދު ޝަރީފް އުމުރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި ހުކުމާއެކު ޝަރީފަށް 25 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. މި މައްސަލާގައި އޭނާ ދިފާއުކުރުމަށް މަޝްހޫރު ބައެއް ވަކީލުން ހިމެނޭ ހަތަރު ވަކީލުންގެ ބޮޑު ގާނޫނީ ޓީމެއް މަސައްކަތް ކުރި ނަމަވެސް، ދައުވާއިން ސަލާމަތްވެވިފައެއް ނުވެ އެވެ.
ޝަރީފްގެ މައްޗަށް މި ދައުވާ އުފުލީ 2020 ވަނަ އަހަރުގެ ޖޫން 14 ވަނަ ދުވަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅިގެންނެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ޝަރީފާ ގުޅުންހުރި އެކި ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވުނު އިރު، އެ ތަކެތީގައި އޭނާގެ އިނގިލީގެ ނިޝާން ވެސް ހުރި ކަމަށް ފުލުހުން ބުނެ އެވެ.
ގާޒީ މުޒައްމިލު ނާސިރު މި މަހުގެ ހަތްވަނަ ދުވަހު ނިންމެވި މި މައްސަލާގައި ވިދާޅުވީ، ދައުވާގެ މާއްދީ ރުކުނާއި މައުނަވީ ރުކުން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ދައުލަތުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ