މިދިޔަ މަހު ދައުލަތަށް ލިބެންޖެހި ނުދައްކާ ހުރި 32.2 މިލިއަން ޑޮލަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ. މިއީ މިދިޔަ މަހު މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 3.01 އިންސައްތައެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އެ އޮތޯރިޓީއަށް ޖުމްލަ 157.0 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14 އިންސައްތަ އިތުރު، އަދި ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 24 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައި ކަމަށްވާއިރު، އެގޮތުން 81.1 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި ކަމަށްވާއިރު، އެ ޓެކުހުގެ ގޮތުގައި 31.8 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 13.0 މިލިއަން ޑޮލަރު، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 9.47 މިލިއަން ޑޮލަރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 9.34 މިލިއަން ޑޮލަރު، އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 5.0 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
ދައުލަތަށް ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން، ނޯޓިސް ފޮނުވައިގެން 19.6 މިލިއަން ޑޮލަރު، ޑިއުސް ކްލިއަރެންސްގެ ތެރެއިން 5.0 މިލިއަން ޑޮލަރު، އަދި އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 6.81 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށް މީރާއިން ބުނެއެވެ. މީގެ އިތުރުން ފޯނުކޯލުތައް މެދުވެރިކޮށް 454,000 ޑޮލަރު، އެކްޝަން ޕޮލިސީގެ ދަށުން 57,700 ޑޮލަރު، އަދި ބޭންކް އެކައުންޓްތައް ފްރީޒްކޮށްގެން 298,000 ޑޮލަރު ހޯދާފައިވެއެވެ.
ކޮމެންޓު ފޮނުވާ