އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހުގެ 1 އިން 3 އަށް މާލެ ސިޓީ ކައުންސިލްގެ ހޯލުގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައުލޫމާތު ހާމަކުރައްވަމުން ޕާޓީގެ ޗެއާޕާސަންގެ ނާއިބު އިބްރާހިމް ވަހީދު ވިދާޅުވީ، ފުރަތަމަ ކޮންގްރެސް ބޭއްވުމަށް ނިންމާފައި އޮތީ މި މަހުގެ 19 އިން 21 އަށް ކަމަށެވެ. ނަމަވެސް އެ ތާރީޚުތަކުގައި ކޮންގްރެސް ބާއްވާނެ އެކަށީގެންވާ ތަނެއް ހަމަނުޖެއްސުމުގެ ސަބަބުން ފަސްކުރަން ޖެހުނު ކަމަށާއި، އޮކްޓޯބަރު މަހަށް ބަދަލުކުރުމުން ލިބުނީ މާލެ ސިޓީ ކައުންސިލްގެ ހޯލު ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާޓީގެ ޗެއާޕާސަންގެ ނާއިބު މުހައްމަދު ޝިފާޒް ވިދާޅުވީ، ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ މި ކޮންގްރެސްއަކީ ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތައް ގެނެވޭ މުހިއްމު ބައްދަލުވުމެއް ކަމަށެވެ. މީގެ އިތުރުން، ކުރީ އަހަރުތަކުގެ ކޮންގްރެސްތަކާ ޚިލާފަށް، މި އަހަރުގެ ކޮންގްރެސްގެ އެއް ސެޝަން ޚާއްސަކުރެވިފައިވަނީ އިންވެސްޓްމަންޓް ފޯރަމަކަށް ކަމަށް ޝިފާޒް ފާހަގަކުރެއްވިއެވެ. އެ ސެޝަނުގައި، އެމްޑީޕީ ކައުންސިލްތައް އޮންނަ ރަށްރަށުގެ ކައުންސިލަރުންނާ ބައްދަލުކޮށް، އެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫޢުތަކަށް އިންވެސްޓްމަންޓް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ