އެޕަލް ވޮޗް ސީރީޒް 12 ތައާރަފުކޮށްފި؛ އަގު ފެށެނީ 399 ޑޮލަރުން

އެޕަލް ވޮޗް ސީރީޒް 12 ތައާރަފުކޮށްފި؛ އަގު ފެށެނީ 399 ޑޮލަރުން

Author
އަހުމަދު
10 ސެޕްޓެމްބަރ 2026 08:48
0

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އެންމެ ފަހުގެ ސްމާޓްވޮޗް، "އެޕަލް ވޮޗް ސީރީޒް 12″ ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

ރޭ ބޭއްވި "ސަޕްރައިޒް އެންޑް ޝައިން" އިވެންޓުގައި ދައްކާލި މި ގަޑިއަކީ ސިއްހީ ފީޗާތަކާއި އާޓިފިޝަލް އިންޓެލިޖެންސްގެ ޒަމާނީ ހިދުމަތްތައް ހިމެނޭ ޑިވައިސްއެއް ކަމަށް އެޕަލް އިން ބުނެއެވެ. އައު "އެސް11″ ޗިޕާއެކު ނެރުނު މި ގަޑިން ކޮންމެ ފަސް ސިކުންތަކުން އެއްފަހަރު ހިތުގެ ވިންދު ބަލައިދިނުމުގެ އިތުރުން، ދުވަހުގެ މަސައްކަތްތަކާއި ކަސްރަތަށް ހަށިގަނޑު ތައްޔާރުވެފައިވާ މިންވަރު 0 އިން 10 އަށް ދައްކައިދޭ "ރެޑިނަސް ސްކޯ" އެއްވެސް ލިބިގެންދާނެއެވެ.

އަޑު އިވުމުން މަހްރޫމްވެފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ސައިރަން، ބަނޑިޔާ އަދި ކުޑަކުދިން ރޯއަޑު ފަދަ މުހިންމު އަޑުތައް ދެނެގަނެދޭ "ސައުންޑް ރިކޮގްނިޝަން" އާއި، ފަހު 15 ސިކުންތު އަލުން އަޑުއަހާލެވޭ "ލައިވް ރީވައިންޑް" ފީޗާވެސް މި ގަޑީގައި ހިމެނެއެވެ. ޔޫޒަރުންގެ ޒާތީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މި ހުރިހާ މައުލޫމާތެއް ޕްރޮސެސް ކުރެވެނީ ގަޑީގެ އެތެރޭގައި ކަމަށް ބުނެފައިވެއެވެ. އަދި އެޕަލް އިންޓެލިޖެންސްގެ ބާރާއެކު އައު "ސިރީ އޭއައި" އާއި، އެއް އަތުން އިނގިލިތައް ޖައްސާލައިގެން ކޮންޓްރޯލް ކުރެވޭ ސިންގަލް-ހޭންޑް ޓެޕް ޖެސްޗާވެސް ވަނީ ތައާރަފުކޮށްފައެވެ.

ބެޓެރީގެ ގޮތުން ބަލާއިރު، ދުވަހީ ބޭނުމަށް 24 ގަޑިއިރު އަދި ބޭރުގައި ކަސްރަތުކުރާއިރު 10 ގަޑިއިރު ލިބޭ މި ގަޑި، އެންމެ 15 މިނެޓު ޗާޖުކޮށްލުމުން 12 ގަޑިއިރު ބޭނުންކުރެވޭނެއެވެ. 42 މިލިމީޓަރު އަދި 46 މިލިމީޓަރުގެ ސައިޒުތަކުގައި، އެލުމިނިއަމް، ޓައިޓޭނިއަމް އަދި ސެރަމިކް މޮޑެލްތަކުގެ (ޕާލް ވައިޓް އަދި ނައިޓް ބްލޫ) އިތުރުން ހަމީސް އެޑިޝަނެއްވެސް ވަނީ ނެރެފައެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް އުފައްދާފައިވާ މި ގަޑީގައި 40 އިންސައްތަ ރީސައިކަލް މެޓީރިއަލް ބޭނުންކޮށްފައިވެއެވެ.

އެޕަލް ވޮޗް ސީރީޒް 12 ގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރުންނެވެ. ރެއިން ފެށިގެން ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުގައި ޕްރީ-އޯޑަރު ކުރެވޭއިރު، ފިހާރަތަކުން ވިއްކަން ފަށާނީ ސެޕްޓެމްބަރު 18 ގައެވެ. އައު އޮޕަރޭޓިން ސިސްޓަމް "ވޮޗްއޯއެސް 27″ އަންނަ ހޯމަ ދުވަހު ޔޫޒަރުންނަށް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.