ގަވާއިދާ ޚިލާފަށް ޑޮލަރު ވިއްކާ ކަމުގެ 65 ރިޕޯޓެއް ޕޮލިހަށް

ގަވާއިދާ ޚިލާފަށް ޑޮލަރު ވިއްކާ ކަމުގެ 65 ރިޕޯޓެއް ޕޮލިހަށް

Author
އަހުމަދު
09 ސެޕްޓެމްބަރ 2026 08:20
0

ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ކަމަށް ޝައްކުކުރެވޭ މައްސަލަތައް ރިޕޯޓު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އަލަށް ޤާއިމުކުރި ހޮޓްލައިން މެދުވެރިކޮށް 65 ރިޕޯޓެއް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ބިދޭސީއަކު މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އެންމެ ފަހުން ދޫކުރި މައުލޫމާތުގައި ވާގޮތުން، ލިބިފައިވާ ރިޕޯޓުތަކުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ބަދަލުކުރުމުގެ ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކުރެވޭ 27 ބިދޭސީއަކާއި 18 ތަނެއްގެ މައުލޫމާތު ހިމެނެ އެވެ. އަދި މާކެޓް ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކާ ކަމަށް އިތުރު 4 ތަނަކާއި، މިފަދަ މުއާމަލާތްތައް ފަހިކޮށްދޭ 16 އޮންލައިން ޕްލެޓްފޯމެއްގެ މައްސަލަ ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، މޯލްޑިވްސް އިމިގްރޭޝަނުން އެއް ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު، ބާކީ ތިބި މީހުންނާއި ތަންތަނާއި އޮންލައިން ޕްލެޓްފޯމުތަކުގެ މައުލޫމާތު ކަށަވަރުކުރުމަށްފަހު، ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ. މިފަދަ މައްސަލަތައް ރިޕޯޓު ކުރުމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.