ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ގައްޒާއިން ބޭރުކުރުމަށް ނުވަތަ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ހުށަހަޅާ އެއްވެސް ޕްލޭނަކަށް ތާއީދު ނުކުރާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ.
އެ ޑިޕާޓްމަންޓުން މިކަން ހާމަކުރީ، ގައްޒާގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އެ ސަރަހައްދު އެއްކޮށް ހުސްކުރުން ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވުމުންނެވެ. އިސްރާއީލުގެ ނޫހަކުން ބޭއްވި ކޮންފަރެންސެއްގައި ކާޓްޒް ވިދާޅުވީ، ފަލަސްތީނު ރައްޔިތުން ގައްޒާއިން ބޭރުކުރުމަށް އިސްރާއީލުން މަގުފަހިކޮށްދޭނެ ކަމަށާއި، އެ މަސައްކަތަށް އެމެރިކާގެ ހުއްދައަށް މިހާރު އިންތިޒާރު ކުރަމުންދާ ކަމަށެވެ. އަދި މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން މަޑުޖައްސަވާލެއްވި ޕްލޭނެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި، މި ވާހަކަތަކާ ގުޅިގެން ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވީ، ރައީސް ޓްރަމްޕް ހުށަހެޅުއްވި ޕްލޭންގެ 12 ވަނަ ނުކުތާގައި ސާފުކޮށް ބަޔާންކޮށްފައިވާ ފަދައިން، އެއްވެސް މީހަކު ގަދަކަމުން އެ ސަރަހައްދުން ބޭރު ނުކުރެވޭނެ ކަމަށެވެ. އަދި ގައްޒާގައި މަޑުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދީ، އެ ސަރަހައްދު އަލުން އާރާސްތު ކުރުމަށް ބާރު އަޅާނެ ކަމަށް ވެސް ޑިޕާޓްމަންޓުން ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ގައްޒާގެ ރައްޔިތުން ގަދަކަމުން ބޭރުކުރުމަކީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށް އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ