ހުޅުމާލެ ފޭސް 2 ގައި މަސްބާނާ ޕްލެޓްފޯމަކާއި އާޓިފިޝަލް ސްވިމިންގ ސަރަހައްދެއް ހަދަން އާންމުންގެ ހިޔާލު ހޯދަނީ

ހުޅުމާލެ ފޭސް 2 ގައި މަސްބާނާ ޕްލެޓްފޯމަކާއި އާޓިފިޝަލް ސްވިމިންގ ސަރަހައްދެއް ހަދަން އާންމުންގެ ހިޔާލު ހޯދަނީ

Author
އަހުމަދު
05 ސެޕްޓެމްބަރ 2026 09:53
0

ހުޅުމާލެ ފޭސް 2 ގެ ބީޗް ބްލެވާޑް ސަރަހައްދުގައި މަސްބާނާ ޕްލެޓްފޯމަކާއި އާޓިފިޝަލް ސްވިމިންގ ސަރަހައްދެއް ތަރައްގީ ކުރުމާ މެދު އާންމުންގެ ހިޔާލު ހޯދުމަށް އެންވަޔަރުމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ސާވޭއެއް ހުޅުވާލައިފިއެވެ.

އީއާރުއޭއިން ބުނީ މި ސާވޭ ހުޅުވާލީ އެ ސަރަހައްދުގައި ގޮނޑުދޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ތައްޔާރު ކުރުމުގެ ބޭނުމުގައި، އެޗްޑީސީން ހުށަހަޅާފައިވާ ޕްލޭނާ މެދު މަސްބާނާ ފަރާތްތަކާއި މޫދަށް އެރޭ މީހުންގެ ހިޔާލު ދެނެގަތުމަށް ކަމަށެވެ.

އެގޮތުން ހުށަހަޅާފައިވާ ޕްލޭންގައި ހިމެނެނީ ގާތްގަނޑަކަށް 7،874 އަކަމީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރ ވަށައިގެންލައި، މޫދަށް އެރި އުޅުމަށް ރައްކާތެރި އާޓިފިޝަލް ސްވިމިންގ ސަރަހައްދެއް ގާއިމުކުރުމާއި، ފްލޯޓިންގ ޕޮންޓޫނެއް ބެހެއްޓުމެވެ. މީގެ އިތުރުން ގޮނޑުދޮށުން ފެށިގެން ކަނޑާ ދިމާއަށް ތަނބުޖަހައިގެން ހަދާ ކޯޒްވޭއަކުން ދެވޭގޮތަށް، އާންމުން މަސްބޭނުމަށް ޕްލެޓްފޯމެއް ހެދުމަށް ވެސް ވަނީ ހިމަނާފައެވެ.

މި މަސައްކަތުގެ ތެރޭގައި ބޮޑެތި މެޝިނަރީ ބޭނުންކުރުމާއި، ކޮނުމާއި ވެލި އެޅުމާއި، ތަނބުޖެހުމުގެ މަސައްކަތްތައް ހިމެނޭތީ، މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދަށް އާންމުންނަށް ވަގުތީގޮތުން ނުވަދެވޭ ގޮތަށް ބަންދުކުރެވޭނެ ކަމަށް އީއާރުއޭއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.