ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ، 2013 ވަނަ އަހަރު ސްރީލަންކަން އެއާލައިންސްއަށް އެއާބަސް ބޯޓުތަކެއް ގަތުމުގައި ހިންގި ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހައްޔަރުކޮށްފި އެވެ.
ފަސް ގަޑިއިރަށްވުރެ ގިނަ އިރު ސުވާލުކުރުމަށްފަހު ނަމާލް ހައްޔަރުކޮށްފައި ވަނީ، ސިންގަޕޫރުގެ ދެ ބޭންކު އެކައުންޓެއް މެދުވެރިކޮށް، ލަންކާގެ ވިޔަފާރިވެރިއެއްގެ އެހީގައި ފައިސާ ފޮނުވި ކަމުގެ ތުހުމަތުގަ އެވެ. ނަމާލްގެ ވަކީލު ނިޝާންތަ ދަޔާނަންދަ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްދިނުމަށް އެދިވަޑައިގަތް ނަމަވެސް، ކޯޓުން ވަނީ އެ ހުށަހެޅުން ބޭރުކޮށްލައިފަ އެވެ.
މި މައްސަލައިގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ވެސް މިދިޔަ މޭ މަހު ވަނީ ސުވާލުކޮށްފަ އެވެ. ނަމަވެސް ރާޖަޕަކްސަގެ އާއިލާއިން ބުނަނީ، މިއީ ސިޔާސީ މަގުސަދެއްގައި ކުރެވޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް ގުޅިގެން ކުރިން ހިންގި ތަހުގީގަކުން ދެއްކި ގޮތުގައި، އެއާބަސް ކުންފުނިން ވަނީ ލަންކާގައި ރިޝްވަތުގެ ގޮތުގައި ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފަ އެވެ. މި މުއާމަލާތުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއަށް ދެ ބިލިއަން ޑޮލަރެއްހާ ގެއްލުންވެ، ދަރަނިވެރިވެފައި ވާއިރު، އެ އެއާލައިން ޕްރައިވެޓައިޒް ކުރުމަށް ކުރި މަސައްކަތްތައް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
ކޮމެންޓު ފޮނުވާ