ދުނިޔޭގެ އެންމެ ހަގު އުމުރުގައި ތަހުތަށް އިސްކުރެވުނު ރަސްގެފާނުގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯއްދެވި، ޔުގެންޑާގެ ތޫރޫ ދަރިކޮޅުގެ ރަސްގެފާނު އޮޔޯ ނިޔިމްބާ ކަބަމްބާ އިގުރޫ ރުކިޑީ ހަތަރުވަނަ، އުމުރުފުޅުން 34 އަހަރުގައި އިއްޔެ އަވަހާރަވެއްޖެއެވެ.
ރަސްގެފާނު އަވަހާރަވި ޚަބަރު ޢާންމު ކުރައްވަމުން ތޫރޫ ދަރިކޮޅުގެ ބޮޑުވަޒީރު ވިދާޅުވީ، މިއީ ޝާހީ އާއިލާއަށާއި ތޫރޫގެ ރައްޔިތުންނަށާއި މުޅި ޔުގެންޑާއަށްވެސް ކުރިމަތިވި ފޫނުބެއްދޭފަދަ ބޮޑު ހިތާމައެއް ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދަރިކޮޅުގެ ރައްޔިތުން އެއްބައިވަންތަކަމާއެކު ދުޢާ ދެންނެވުމުގައި ސާބިތުވެ ތިއްބެވުމަށްވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ.
އެ މަނިކުފާނު އަވަހާރަވި ސީދާ ސަބަބު ތޫރޫ ދަރިކޮޅުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ބޮޑުވަރަށް ބަލިވެގެން ފަރުވާ ހޯއްދަވަމުން ގެންދެވީ އެމެރިކާގައެވެ.
ރަސްގެފާނު އޮޔޯ ތޫރޫގެ ތަހުތަށް އިސްކުރެވިފައިވަނީ 1995 ވަނަ އަހަރު، އޭނާގެ ބައްޕާފުޅު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން، އުމުރުފުޅުން އެންމެ ތިން އަހަރުގައެވެ. ނަމަވެސް ރަސްކަމުގެ ބާރުތަކާ ރަސްމީގޮތުން ހަވާލުވެވަޑައިގަތީ ފުރާ ފުރިހަމަވުމަށްފަހު، ތާޖު އެޅުއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށްފަހުއެވެ.
އޮޔޯއަށްފަހު ދެން ތޫރޫގެ ތަހުތާ ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ ނަން އިއުލާނު ކުރެވޭނީ ދަރިކޮޅުގެ ސަގާފަތާއި އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ