ރާއްޖޭގައި މަސައްކަތްކުރާ އިންޖިނިއަރުންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ދޭ އިންޖިނިއާސް އެވޯޑަށް، ވަކިވަކި ފަރުދުންގެ އިތުރުން ޓީމުތަކުގެ ނަމުގައިވެސް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ބުނީ، އިންޖިނިއަރިންގެ އެކި ދާއިރާތަކުން ވަކިވަކި ފަރުދުންނަށް ކުރިމަތިލެވޭ އިރު، އެކަޑެމިކް، ދިރާސާ އަދި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް އަމިއްލަ ހައިސިއްޔަތުން ނަން ހުށަހެޅިދާނެ ކަމަށެވެ. ޓީމުތަކާއި މަޝްރޫއުތަކަށް ޚާއްސަ އެވޯޑުތަކަށް، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، ކޮންޓްރެކްޓަރުން، ކޮންސަލްޓަންޓުން، ޕްރޮޖެކްޓް ޓީމުތައް އަދި ތަޢުލީމީ ދިރާސާ ޓީމުތަކަށްވެސް ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
މި އެވޯޑުގެ މައިގަނޑު ގިންތިތަކުގެ ތެރޭގައި، އިންޖިނިއަ އޮފް ދަ އިޔަ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، ޔަންގް އިންޖިނިއަ، ވިމެން އިން އިންޖިނިއަރިން، ސަސްޓެއިނަބިލިޓީ ޗެމްޕިއަން، ކޮންޓްރެކްޓަރ އޮފް ދަ އިޔަ އަދި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު ހިމެނެއެވެ.
ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެންމެ ފަހު ވަގުތަކީ މާދަމާ މެންދުރުފަހު 14:00 އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އިންޖިނިއަރުންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް މި އަހަރުން ފެށިގެން ގައުމީ އެވޯޑެއް ދޭން ފަށާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން އިއުލާނު ކުރައްވައިފައެވެ. ކޮންމެ އަހަރެއްގެ އޮގަސްޓު 30 ވަނަ ދުވަހަކީ ރާއްޖޭގެ އިންޖިނިއަރިންގެ ދުވަހެވެ.
ކޮމެންޓު ފޮނުވާ