ފާއިތުވި ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 17 ކޭސް ފެނިފައިވާ ކަމަށާއި، މި އަހަރު މިހާތަނަށް ޖުމްލަ 243 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ އަދާހަމައިގައިވާ ގޮތުން، ބަލިން ރައްކާތެރިވުމަށް މިހާތަނަށް 16،045 ފަރާތަކަށް ވެކްސިން ދެވިފައިވެއެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން، ބައްޔަށް ޝައްކުކުރެވި ޓެސްޓު ހަދާ ފަރާތްތަކުން ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށާއި، ހުން އައިސް ގައިގައި ރަތް ބިހި ނަގާ ފަރާތްތަކުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި މިފަދަ އަލާމާތްތައް ފެންނަ ފަރާތްތަކުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު ނަމަވެސް، އޭގެ ފަހުން ދޭތެރެ ދޭތެރެއިން ބަލީގެ ކޭސްތައް ދަނީ ފެންނަމުންނެވެ.
ކޮމެންޓު ފޮނުވާ