ރައީސް އޮފީހުން ދާދިފަހުން ނީލަމުގައި ވިއްކާލި މޭޒަކީ ދިވެހިރާއްޖޭގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއް ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މީސް މީޑިއާގައި ފޮޓޯ ދައުރުވަމުންދާ މޭޒަކީ ރާއްޖޭގެ އެއްވެސް ރައީސަކު، އެއްވެސް ދުވަސްވަރެއްގައި ބޭނުންކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫން ކަމަށެވެ. އަދި އެ މޭޒު ނީލަމަށް ލާފައި ވަނީ ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެ، ބެލެހެއްޓުމަށް ދަތިވުމުން ކަމަށެވެ.
މުންދު އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް އޮފީހުން ފަރުނީޗަރު ނީލަމަށް ލަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ދައުލަތުގެ ނިޝާން ހަރުކޮށްފައިވާ ކޮންމެ ފަރުނީޗަރެއްވެސް ނީލަމަށް ލަނީ ނިޝާން ނައްޓާލުމަށް ފަހުއެވެ. ނަމަވެސް ފޮޓޯއިން ފެންނަ މޭޒަށް ފަހުން ބަޔަކު ބަދަލުގެނެސް، ކުރީގެ ރައީސުން ބޭނުންކުރެއްވި މޭޒެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި މޭޒު 12،500 ރުފިޔާއަށް ނީލަމުގައި ވިއްކާލި ކަމަށާއި، ރައީސް މައުމޫން އަބްދުލްގައްޔޫމުން ފެށިގެން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަމައަށް ހުރިހާ ރައީސުން ބޭނުންކުރެއްވި މޭޒެއް ކަމަށް ބުނެ މީސް މީޑިއާގައި ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިފައެވެ.
ކޮމެންޓު ފޮނުވާ