ކޮތަޅު ބޮނޑިން ފީ ނެގުން ހުއްޓާލައި، ޑަބަލް ޓެކްސްއަށް ނިމުމެއް

ކޮތަޅު ބޮނޑިން ފީ ނެގުން ހުއްޓާލައި، ޑަބަލް ޓެކްސްއަށް ނިމުމެއް

Author
އަހުމަދު
23 އޮގަސްޓް 2026 04:27
0

ޕްލާސްޓިކް ކޮތަޅު ބޮނޑިން ފީ ނަގަން ނުޖެހޭ ގޮތަށް "ކުނި މެނޭޖްކުރުމުގެ ގާނޫނު" އަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިސްލާހުގެ ދަށުން، ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ޕްލާސްޓިކް ކޮތަޅުން ނަގަމުން އައި 2 ރުފިޔާގެ ފީ، 50 އަށްވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއަކުން ނަގާ ގޮތަށް ހަމަޖެހިފައި އޮތް އޮތުން މިހާރު ވަނީ އިސްތިސްނާ ކޮށްފައެވެ. މީގެ ސަބަބުން މީގެ ކުރިން ނެގެމުން ދިޔަ ޑަބަލް ޓެކްސް ހުއްޓިގެންދާނެއެވެ.

މީގެ އިތުރުން، މި އިސްލާހުގައި ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ގާއިމުކުރުމުގެ މިންގަނޑުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ އުސޫލުތައް ކަނޑައެޅުމުގައި ކަމާ ބެހޭ ވުޒާރާތަކާއި ރެގިއުލޭޓަރީ އޮތޯރިޓީތަކުގެ މަސްއޫލިއްޔަތުތައް ވަނީ ބަޔާންކޮށްފައެވެ. އަދި މިންގަނޑުތަކާ ހިލާފަށް ކުނި މެނޭޖުކުރުމުގެ ސަބަބުން ތިމާވެއްޓަށް ނުވަތަ އާންމު ސިއްހަތަށް ގެއްލުންވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ ބާރު އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ވަނީ ދީފައެވެ.

މި ގާނޫނުގެ ދަށުން، އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެއަށް އެތެރެކުރުމަކީ ކުށެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި ނުރައްކާތެރި ކުނި ވިއްކުމާއި، ބޭނުންކުރުމާއި، ޑިސްޓްރިބިއުޓް ކުރެވޭނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދައާއެކުއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތައް އެކުލަވާލައި ގެޒެޓުކުރަން ޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.