ބަންގްލަދޭޝްގެ އާ ރައީސަކަށް، ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ އިސް އޮފިޝަލެއް ކަމަށްވާ މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު އިއްޔެ އިންތިޚާބުކޮށްފިއެވެ.
އުމުރުން 78 އަހަރުގެ އާލަމްގީރު އިންތިޚާބު ކާމިޔާބުކުރެއްވީ ޕާލަމެންޓުގައި ނެގި ވޯޓުގައި 255 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން، އުމުރުން 84 އަހަރުގެ އޮލީ އަހުމަދަށް ލިބިވަޑައިގަތީ 88 ވޯޓެވެ.
އާ ރައީސަކު އިންތިޚާބުކުރަން ޖެހުނީ، ކުރީގެ ރައީސް މުހައްމަދު ޝަހާބުއްދީން ސިއްހީ ސަބަބުތަކާ ހުރެ މިދިޔަ ޖުލައި މަހުގެ 24ގައި އިސްތިއުފާ ދެއްވުމުންނެވެ. ބަންގްލަދޭޝްގެ ގާނޫނުއަސާސީ ބުނާ ގޮތުން، ރައީސްކަމުގެ މަގާމު ހުސްވާތާ 90 ދުވަހުގެ ތެރޭގައި އާ ރައީސަކު އިންތިޚާބުކުރަން ޖެހެއެވެ.
ވޯޓުގެ ކުރިން އާލަމްގީރު ވިދާޅުވީ، އޭނާ ދެކެވަޑައިގަންނަވަނީ މަސައްކަތްތެރިންނާއި އާދައިގެ މީހުންނަށް ދުވާލަކު ދެ އިރު ކާންލިބޭނެ ފަދަ، އުފާވެރި އަދި ފާގަތި ދައުލަތެއްގެ ހުވަފެން ކަމަށެވެ.
ބަންގްލަދޭޝްގެ ރައީސްކަމަކީ ގިނައިން ރަސްމިއްޔާތުތަކަށް ޚާއްސަ މަގާމެއް ނަމަވެސް، އެއީ ދައުލަތުގެ އެންމެ އިސްވެރިޔާ އަދި އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފެވެ. ބީއެންޕީން އަލުން ވެރިކަމަށް އައިސްފައިވަނީ 2024 ވަނަ އަހަރު ޝެއިޚް ހަސީނާގެ ސަރުކާރު ވެއްޓި، އޭނާ އިންޑިއާއަށް ވަޑައިގެންނެވުމަށްފަހުއެވެ.
ކޮމެންޓު ފޮނުވާ