މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޔަޒްމީދު މުހައްމަދު، ފަސް އަހަރުގެ ދައުރަކަށް، އެ އޮފީހުގެ ބޯޑުން އައްޔަން ކުރައްވައިފި އެވެ.
ދައުލަތުގެ އެކި އިދާރާތަކާއި ޕްރައިވެޓް ސެކްޓަރުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ޔަޒްމީދަކީ ގަވަނަންސް، އޮޑިޓިންގ، އެންޓި-ކޮރަޕްޝަން، އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާތަކުން ފުޅާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ. އޭނާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނާއިބު ރައީސްކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމާއި، އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ވެސް ކުރައްވާފައެވެ.
ތައުލީމީ ގޮތުން ޔަޒްމީދަކީ އޭސީސީއޭ ފުރިހަމަކުރައްވާފައިވާ ޗާޓަޑް އެކައުންޓެންޓެކެވެ. މީގެ އިތުރުން އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން އެކައުންޓިންގެ ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީ އަދި އޯޕަން ޔުނިވަސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.
ޔަޒްމީދު މި މަގާމަށް ވަޑައިގަންނަވަނީ ޕެންޝަން އޮފީހަށް ދަތި ދުވަސްވަރެއްގައެވެ. ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާއިން ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރުމަށް ބޯޑުން ނިންމި ނިންމުމަކީ އިގްތިސޯދަށް ގެއްލުންވާނެ ނިންމުމެއް ކަމަށްބުނެ، ބޯޑުގެ ބައެއް މެންބަރުންނާއި އޮފީހުގެ އިސް ބައެއް ބޭފުޅުން ދާދި ފަހުން ވަނީ އިސްތިއުފާ ދެއްވާފައެވެ.
ޕެންޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ހިންގައި، ރިޓަޔަމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ދޫކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މިނިވަން މުއައްސަސާއެކެވެ.
ކޮމެންޓު ފޮނުވާ