މާލޭގެ ބާޒާރުމަތީ ސަރަޙައްދުގައި އަޅާ އައު މާރުކޭޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށްޓަކައި، މިހާރު އެ ބިމުގައި ހުރި ގޮޅިތަކުގެ ވިޔަފާރިވެރިންނަށް ވަގުތީ ތަނެއް ހަމަޖައްސައި، މަހެއްގެ ތެރޭގައި ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުއްޠަލިބް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ވަގުތީ މާރުކޭޓެއް ހެދުމަށް ކުރީގެ އެސްޓީއޯ ހުރި ސަރަޙައްދާއި ތައިސޭކޮށި ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
126.4 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 15،525 އަކަފޫޓުގެ ބިމެއްގައި 6 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރާއިރު، ޖުމުލަ ޖާގަ 95،000 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ. ބޭސްމަންޓްގައި 400 ސައިކަލަށް ޕާކިން ޖާގައާއި، އެންމެ މަތީ ފަންގިފިލާގައި ފުޑް ކޯޓެއްގެ ގޮތުގައި ކެފޭ، ރެސްޓޯރަންޓް ކޮންސެޕްޓު ހިމެނޭނެއެވެ.
މުޅި މަޝްރޫޢު 1 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.
ކޮމެންޓު ފޮނުވާ