ރާއްޖޭގައި ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބޭއްވުމަށް ސައުދީގެ އެހީ ހޯދަނީ

ރާއްޖޭގައި ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބޭއްވުމަށް ސައުދީގެ އެހީ ހޯދަނީ

Author
އަހުމަދު
19 އޮގަސްޓް 2026 10:10
0

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ސަރަހައްދީ ފެންވަރުގެ ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބޭއްވުމަށް ސައުދީ އަރަބިއްޔާގެ އެހީތެރިކަން ހޯދުމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރައްވައިފިއެވެ.

ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ހާއްސަ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން، ޝަހީމް ވަނީ ސައުދީގެ އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސް މިނިސްޓާ ޝައިހު ޑރ. އަބްދުލްލަތީފް ބިން އަބްދުލްއަޒީޒް އާލްޝައިހްއާ ބައްދަލުކުރައްވައި، ރާއްޖޭގެ ދީނީ ދާއިރާ ހަރުދަނާކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވަނީ ދެ ހަރަމްފުޅުގެ ހާދިމް، ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެއަށް ވެދެއްވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 1981 ވަނަ އަހަރުން ފެށިގެން ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްގީއަށާއި ދީނީ ކަންކަމުގައި، ހާއްސަކޮށް ހައްޖާއި އުމްރާގެ އިންތިޒާމުތައް ދިވެހިންނަށް ފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.