އިންސާނީ އެހީތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް

އިންސާނީ އެހީތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް

Author
އަހުމަދު
19 އޮގަސްޓް 2026 10:21
0

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުރައްކަލަށް ހުށަހެޅިގެން ޚިދުމަތްކުރަމުންދާ އިންސާނީ އެހީތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، ހަނގުރާމަތަކާއި، ގެދޮރު ގެއްލުމާއި، ބަނޑުހައިހޫނުކަމާއި، މޫސުމީ ކާރިސާތަކުގެ ސަބަބުން އިންސާނީ އެހީއަށް ބޭނުންވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ. ޚާއްޞަގޮތެއްގައި ޣައްޒާގައި ޤަސްދުގައި އިންސާނީ އެހީއަށް ހުރަސްއެޅުމާއި، ޙިޞާރުކުރުމާއި، އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ދެވޭ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ނުރައްކާތެރި ޖަރީމާތަކެއް ކަމުގައި ސިފަކުރައްވައި، އެމަނިކުފާނު ވަނީ އެ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ތަކުރާރުކުރައްވައި، އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމަ މިހިނދުން މިހިނދަށް ދާއިމީގޮތެއްގައި ހުއްޓާލުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި ހަތަރުވަނަ ޖެނީވާ މުޢާހަދާގެ ބައިވެރިއެއްގެ ޙައިސިއްޔަތުން، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށާއި ޢާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

"ޤައުމެއްގެ ސައިޒަކީ އެ ޤައުމެއްގެ އަޚްލާޤީ ޒިންމާ ކުޑަވާންޖެހޭ ސަބަބެއް ނޫން. ނިކަމެތިންގެ ޙައްޤުގައި ތެދުވުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް،" ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮގަސްޓު 19 ފާހަގަކުރަނީ، ކާރިސާތަކާއި ހަމަނުޖެހުންތައް ހިނގާ ސަރަޙައްދުތަކުގައި ޚިދުމަތްކުރުމުގެ ތެރޭގައި ޝަހީދުވި އެހީތެރިންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.