އެމެރިކާއިން އީރާނާއެކު ކުރިއަށްގެންދާ މަޝްވަރާތަކަށް ހުރަސް އަޅައިފި ނަމަ، އެމެރިކާގެ ބައިވެރިއެއް ކަމަށްވާ އޮމާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ފޮކްސް ނިއުސްގެ ރިޕޯޓަރު ޓްރޭ އިންގްސްޓް ބުނި ގޮތުގައި، ހޯމަ ދުވަހު ކުރެއްވި ފޯނު ކޯލެއްގައި ޓްރަމްޕް ވިދާޅުވީ "އޮމާނުން ހުރަސްއަޅާ ނަމަ، އެ ގައުމަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދޭނެ" ކަމަށެވެ. މީގެ އިތުރުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާއެކު އެމެރިކާއިން ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، މިފަދަ މަޝްވަރާތަކުގައި ބައިވެރިވާ ކަމުގެ ވާހަކަ އައި.އާރް.ޖީ.ސީ އިން ފަހުން ވަނީ ދޮގުކޮށްފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދިން ފަހުން، ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޯރްމޫޒް ކަނޑުއޮޅި އީރާނުން އޮތީ ބަންދުކޮށްފަ އެވެ. މި ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި އީރާނާއެކު ކުރެވޭ މަޝްވަރާތަކުގައި މިހާރު އޮމާނުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އީރާނުގެ އޮފިޝަލުން ހޯމަ ދުވަހު ވިދާޅުވި ގޮތުގައި، އޮމާނާއެކު އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމާ ގުޅޭ އެއްބަސްވުމަކަށް އައުމާ މިހާރު ވަނީ ވަރަށް ގާތްވެފަ އެވެ.
އިތުރު މަޝްވަރާތައް ކުރިއަށްގެންދިއުމަށްޓަކައި އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ 60 ދުވަހުގެ ފަހުމުނާމާގެ މުއްދަތު ހޯމަ ދުވަހަށް ހަމަވާނެ އެވެ.
ކޮމެންޓު ފޮނުވާ