ވޯލްޑް ކަޕްގެ ވިޔަފާރީގެ ހައްގުތައް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ޕްލޭނަށް ފާޅުގައި ފާޑުކިޔުމުން، އެ އިދާރާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކެވިން ލެމުއާގެ ވަޒީފާ ގެއްލިއްޖެ އެވެ.
ފީފާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ދެ އަހަރެއްހާ ދުވަހު އެ މަގާމުގައި ހުންނެވި ލެމުއާއާ އެކު ފީފާއިން ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.
ލެމުއާ ވަޒީފާއިން ދުރުކޮށްފައި މިވަނީ، "ފީފާ ފޯވާޑް އެންޓަޕްރައިޒަސް" ގެ ނަމުގައި އިންފަންޓީނޯ އިއުލާން ކުރެއްވި އާ ޕްލޭނާ ދެކޮޅު ހައްދަވައި، މިދިޔަ މަހު އެސޯސިއޭޓެޑް ޕްރެސްއަށް ދެއްވި ބަސްދީގަތުމުގައި ވަރަށް ހަރުކަށިކޮށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.
އެ ބަސްދީގަތުމުގައި ލެމުއާ ވިދާޅުވީ، މުޅިން އާ ޕްލޭނެއް އިއުލާން ކުރެއްވިއިރު ވެސް ފީފާގެ ސީނިއާ މުވައްޒަފުންނާ އިންފަންޓީނޯ މަޝްވަރާ ވެސް ކުރައްވާފައި ނުވާ ކަމަށެވެ. އެގޮތަށް އަމަލު ކުރެއްވުމަކީ މުވައްޒަފުންނަށް "މަކަރުވެރި ގޮތެއްގައި" އޮޅުވާލެއްވުމެއް ކަމަށާއި، އިންފަންޓީނޯ ދެކިވަޑައިގަންނަވަނީ އޭނާ އަކީ އަމިއްލައަށް "ފީފާ" ކަމަށް ވެސް ލެމުއާ ވިދާޅުވި އެވެ.
ޕްލޭނާ ދެކޮޅު ހެއްދެވުމުގެ ސަބަބުން ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮތްކަން އިޝާރާތް ކުރައްވަމުން ލެމުއާ ވިދާޅުވީ، އެފަދަ ނިންމުމަކާ ކުރިމަތިލާން ޖެހުނަސް އޭގައި މައްސަލައެއް ނެތް ކަމަށާއި، އޭނާ އެކަން ގަބޫލުފުޅު ކުރައްވާނެ ކަމަށެވެ.
"އެންމެ ކުޑަކޮށް ވެސް އަހަންނަށް މިރޭ ހަމަޖެހިލައިގެން ނިދާލެވޭނެ،" ލެމުއާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޔޫއެފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އިންފަންޓީނޯ ހުންނެވި ދުވަސްވަރު ވެސް، އޭނާގެ ދަށުން ލެމުއާ މަސައްކަތް ކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ