މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު 14.7 ޕަސެންޓް އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 247،248 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 215،388 ފަތުރުވެރިންނާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.3 މިލިއަން ފަތުރުވެރިންގެ 18.5 ޕަސެންޓަކީ ޗައިނާ ފަތުރުވެރިންނެވެ.
ޗައިނާގެ އިތުރުން ރަޝިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު 166،496 ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް، މި އަހަރު އެ އަދަދު ވަނީ 196،894 އަށް އަރައިފައެވެ. ނަމަވެސް އިނގިރޭސިވިލާތާއި، އިޓަލީ، ޖަރުމަނު، އިންޑިއާ، ފްރާންސް، އެމެރިކާ އަދި ސްވިޓްޒަލޭންޑް ފަދަ ބައެއް ބޮޑެތި މާކެޓްތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.
މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 73.4 ޕަސެންޓް، ނުވަތަ 982،868 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 298،080 ފަތުރުވެރިން، ހޮޓާތަކުގައި 31،723 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 25،091 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 179 ރިސޯޓާއި، 950 ގެސްޓްހައުސް، 173 ސަފާރީ އުޅަނދު އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ