މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މަކަރާއި ހީލަތުގެ ޢަމަލުތަކުން އާންމުންގެ އަތުން 500،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ފޭރިގެންފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފި އެވެ.
އެ ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 9 އިން 15 އަށް ސްކޭމްގެ 37 މައްސަލައެއް ރިޕޯޓުކުރެވިފައިވާއިރު، މި މައްސަލަތަކުގައި ޖުމްލަ 501،071 ރުފިޔާ ގެއްލިފައިވެ އެވެ. ނަމަވެސް ފުލުހުންގެ ބުރަ މަސައްކަތުން އޭގެ ތެރެއިން 341،692 ރުފިޔާ އަނބުރާ ހޯދުނު ކަމަށް އެ ސެންޓަރުން ބުނެ އެވެ.
ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްތައް ކަމަށާއި، އެފަދަ 15 މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ސެންޓަރުން ފާހަގަކުރި އެވެ. ދެން އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 8 މައްސަލަ އާއި އިންވެސްޓްމަންޓް ސްކޭމްގެ 4 މައްސަލައިގެ އިތުރުން، ޝަޚްޞު އޮޅުވާލުމުގެ 3 މައްސަލަ އާއި ބުކިން ރިފަންޑް ސްކޭމްގެ 3 މައްސަލަ އެވެ. މީގެ އިތުރުން އެހެނިހެން 4 މައްސަލައެއް ވެސް ހިމެނެ އެވެ. މި ޢަމަލުތައް ހިންގުމަށް އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ ފޯނުކޯލާއި، އައިބޭ އާއި، އޮންލައިން މެސެޖިން އެޕްތަކާއި ފޭސްބުކް މާކެޓް ޕްލޭސް އެވެ.
އެއްވެސް ފަރާތަކަށް ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން އެ ފަރާތެއްގެ އިތުބާރު ކަށަވަރުކުރުމަށާއި، ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި، ބޭނުންކުރާ އެޕްލިކޭޝަންތަކުގައި ޓޫ-ފެކްޓާ އޮތެންޓިކޭޝަން ޙަރަކާތްތެރި ކުރުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ