ތެޔޮ އިމްޕޯޓް ކުރުމަށްޓަކައި ދިވެހި ސަރުކާރަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ އެކު މިއަދު ސޮއިކޮށްފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރުކާރުން ތެލަށް ކުރާ ހަރަދު ބޮޑުވެފައި ވަނިކޮށް ދޭ މި ފެސިލިޓީގެ ބޭނުމަކީ ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުމެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓްގެ ރީޖަނަލް ހެޑް ޑރ. ތިއަމް ހީ އަންގް އެވެ. މީގެ އިތުރުން، ޕްރޮޖެކްޓް އެގްރީމަންޓުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝިމާދު އިބްރާހީމް އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މިއީ މަލްޓިލެޓަރަލް ބޭންކުތަކުން ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހަމަޖެހުނު ފެސިލިޓީއެކެވެ. މިފަދަ ފެސިލިޓީތަކުގެ ސަބަބުން ސަރުކާރުގެ ދަރަނީގެ ދެމެހެއްޓެނިވިކަން ދެމެހެއްޓުމަށް އެހީވެދޭނެ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރި އެވެ.
ކޮމެންޓު ފޮނުވާ