10 ކެންޑިޑޭޓުންގެ ތެރެއިން ހޮވިގެން، ޑީޖޭއޭ ހިންގުމާ ޝަމީމް ހަވާލުވެއްޖެ

10 ކެންޑިޑޭޓުންގެ ތެރެއިން ހޮވިގެން، ޑީޖޭއޭ ހިންގުމާ ޝަމީމް ހަވާލުވެއްޖެ

Author
އަހުމަދު
16 އޮގަސްޓް 2026 03:03
0

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ފާހަގަކޮށްލެވޭ ގާނޫނީ ވަކީލު އާދަމް ޝަމީމް، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް އައްޔަންކޮށްފިއެވެ. ދެ މަހަށްވުރެ ގިނަ ދުވަހު ހުސްކޮށް އޮތުމަށްފަހު، ޝަރުއީ ދާއިރާގެ އެންމެ މަތީ އިދާރީ މަގާމަށް މިއަދު މީހަކު އައްޔަންކުރީއެވެ.

މި މަގާމަށް ކުރިމަތިލި 10 ކެންޑިޑޭޓުންގެ ތެރެއިން ހޮވުނީ ޝަމީމެވެ. މި މަގާމު ހުސްވީ ކުރިން އެ މަގާމު ފުރުއްވި އަމްޖަދު މުސްތަފާ މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިހާރު އަމްޖަދު ހުންނަވަނީ އެމްޕްލޯއިމަންޓް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ.

ދިވެހި ގާނޫނީ ދާއިރާގައި މަޝްހޫރު ނަމެއް ކަމަށްވާ ޝަމީމަކީ، "އާދަމް ޝަމީމް ލީގަލް" ލޯ ފާމްގެ ވެރިޔާއެވެ. އޭނާ ވަކީލުކަމުގެ ހުއްދަ ހޯއްދެވީ 2012 ވަނަ އަހަރުއެވެ. ހައި ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ 24 ނޮވެންބަރު 2013 ގައި، އަދި ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ 29 ޖެނުއަރީ 2019 ގައި ލިބިވަޑައިގަތެވެ.

ޝަމީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު މަރުހަލާގައި، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވިއެވެ. މީގެ ކުރިން، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރިމަތިލެއްވުމަށްޓަކައި، ކުށުގެ ރެކޯޑު ސާފުކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ޝަމީމް ހިމެނިވަޑައިގަތެވެ.

މި މަގާމަށް އައްޔަންވުމުގެ ކުރިން، ޝަމީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ އަންޑަރ ސެކްރެޓަރީގެ މަގާމުގައެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ ހައިސިއްޔަތުން ޝަމީމް ހިންގަވާނީ، ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ގައުމީ ފެންވަރުގައި ބެލެހެއްޓުމުގެ ޒިންމާ އުފުލާ އިދާރާ ކަމަށްވާ، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މައިގަނޑު ޒިންމާތައް:

  • ޝަރުއީ ދާއިރާގެ ދަށުގައި ހިމެނޭ ހުރިހާ ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެ އޮނިގަނޑު ވަރުގަދަކުރުން.
  • ކޯޓުތަކުގެ އެންމެ އިސް އިދާރީ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު، އިދާރީ މުވައްޒަފުން ވަޒީފާއަށް ނެގުމާއި، ޕްރޮމޯޓް ކުރުމާއި، އިސްލާހީ ފިޔަވަޅު އެޅުމާއި، ވަޒީފާއިން ވަކިކުރުމުގެ ކަންކަން ބެލެހެއްޓުން.
  • ކޯޓު ރެޖިސްޓްރާރުން އައްޔަން ކުރުމާއި ވަކިކުރުން.
  • ފަނޑިޔާރުންނާއި، ޖޭއެސްސީގެ މެންބަރުންނާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ޓްރެއިނިން އަދި ރިފްރެޝަރ ޕްރޮގްރާމްތައް ރާވައި ހިންގުން.
  • ކޯޓުތަކަށް ބޭނުންވާ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމުގައި ޖޭއެސްސީއާ މަޝްވަރާ ކުރުން.
  • ޖޭއެސްސީގެ ސިޔާސަތުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުއީ ދާއިރާގެ ބަޖެޓާއި، ވަސީލަތްތަކާއި، އިދާރީ ހިންގުމުގެ ކަންކަން ބެލެހެއްޓުން.
  • އިދާރީ ގޮންޖެހުންތައް ހައްލުކުރުމާއި، އާންމުންނަށް ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅު ކުރުން.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޖޭއެސްސީން އައްޔަން ކުރައްވަނީ ފަސް އަހަރު ދުވަހުގެ ދައުރަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.