ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުތަކުން އަނބުރާ ފައިސާ ހޯދޭނެ ހަރުދަނާ ނިޒާމެއް 90 ދުވަހުގެ ތެރޭގައި ގާއިމުކޮށް، އެކަމުގެ ތަފްސީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް މަޖިލީހުން މިއަދު އަންގައިފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ، އެޑިއުކޭޝަން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު އެކުލަވައިލި ރިކަމެންޑޭޝަންތަކާ އެކުގައެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރުގެ ނިޔަލަށް ދޫކޮށްފައިވާ ލޯނުތަކުން އަނބުރާ ލިބެންޖެހޭ ފައިސާގެ ގޮތުގައި 190 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމެނޭއިރު، އޭރުގެ ހަޔައެޑިއުކޭޝަން މިނިސްޓްރީން ބަލަހައްޓާ ލޯނުތަކުން ލިބެންޖެހޭ 81.5 މިލިޔަން ރުފިޔާ ހޯދުމަށް މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެއެވެ. މި އަދަދަކީ މިނިސްޓްރީން ދޫކޮށްފައިވާ ލޯނުތަކުގެ 60 ޕަސެންޓެވެ.
އެހެންކަމުން، ފައިސާ ދައްކަންޖެހި ނުދައްކާ ތިބި ދަރިވަރުންނަށް ނޯޓިސް ފޮނުވުމާއި، ފައިސާ ހޯދުމުގައި މިހާރު އަމަލުކުރަމުންދާ ގޮތް މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓާ ކުރާނެ އުސޫލެއް އެކުލަވައިލުމަށް މަޖިލީހުން ވަނީ އަންގައިފައެވެ. އަދި ދޫކުރާ ހުރިހާ ލޯނުތައް ބެލެހެއްޓުމަށް މަރުކަޒީ ނިޒާމެއް ގާއިމުކުރުމާއި، އަނބުރާ ފައިސާ ދައްކާފައި ނުވާ ދަރިވަރުންގެ ދަފްތަރެއް އެކުލަވައިލައި ބެލެހެއްޓުމުގެ އިންތިޒާމު 90 ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށްވެސް ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ