އައްޑޫ އަދި މާލޭ ޑަބްލިއުޑީސީގެ ރައީސާއިންގެ ތާއީދު ޝާހިދަށް

އައްޑޫ އަދި މާލޭ ޑަބްލިއުޑީސީގެ ރައީސާއިންގެ ތާއީދު ޝާހިދަށް

Author
ހުސެއިން
16 އޮގަސްޓް 2026 03:36
0

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނުކުރައްވާފައިވާ އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދަށް، ރާއްޖޭގެ އެންމެ ބޮޑު ދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ ފުރިހަމަ ތާއީދު ލިބިވަޑައިގެންފިއެވެ.

މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސާ ޢާއިޝަތު ރީޝާ އާއި އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސާ ފާތިމަތު ހިޖުރާ ވަނީ ކުރިއަށް އޮތް ޕްރައިމަރީގައި ޝާހިދަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އައްޑޫ އަދި މާލެ ސިޓީގެ ބައެއް ކައުންސިލަރުން ވެސް ވަނީ ޝާހިދަށް ތާއީދު ފާޅުކުރައްވާފައެވެ.

މި ތާއީދު ލިބިވަޑައިގަތުމުގެ ކުރިން، މިދިޔަ ހުކުރު ދުވަހު ޝާހިދު އައްޑޫ ސިޓީއަށް ދަތުރުފުޅެއް ކުރައްވައި، އެ ސިޓީގެ އެމްޑީޕީގެ އިސް ފަރާތްތަކާއި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ޕާޓީގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީ ޓިކެޓް ހޯއްދެވުމަށް ޝާހިދު ވާދަކުރައްވާނެކަން އިޢުލާނުކުރެއްވުމާ ގުޅިގެން، ޕާޓީގެ ގިނަ މެންބަރުންނާއި ދާއިރާތަކުގެ އިސް ބޭފުޅުންގެ ތާއީދު ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.