ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި، އޮފްޝޯ ބުކިން ޕްލެޓްފޯމްތަކުންނާއި، އޯވަސީސް ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކުން ޖީއެސްޓީ ނެގުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
"މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމަށް، ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން ބޭއްވި ވޯޓުގައި، މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުން ބިލު ބަލައިގަތުމަށް ވޯޓު ދެއްވިއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އެކަންޏެވެ.
ބިލުގައި ބުނާގޮތުން، މި އިސްލާހުތަކާ އެއްގޮތަށް ޓެކްސް ނަގަން ފެށުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 1،608.5 ބިލިއަން ރުފިޔާ އިތުރުވެގެންދާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ޓްރެވެލް އެޖެންޓުންގެ ފަރާތުން 299.3 މިލިއަން ރުފިޔާ، އަދި ފޮރިން ޓުއާ އޮޕަރޭޓަރުންގެ ފަރާތުން 1،309.2 ބިލިއަން ރުފިޔާ ލިބޭނެއެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރުމާއި، ޓެކްސް ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ނިޒާމު އިތުރަށް ހަރުދަނާ ކުރުމެވެ. ބިލުގައި ކަނޑައަޅާފައިވާ ގޮތުން، މި ޖީއެސްޓީ ނަގަން ފެށޭނީ އަންނަ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓު ފޮނުވާ