ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބޭ ޑޮލަރުގެ މިންވަރާއި، ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ)ތަކުގެ އަދަދަށް ބަލައި، ކުރިއަށް އޮތް ތިން ހަފުތާގައި ޓީޓީތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އިތުރުކުރަން ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލްއިން ބުނީ، މި ބަދަލު ގެންނަން ނިންމީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތިން ހަފުތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން ކަމަށެވެ. އެމްއެމްއޭ އިން މި ބަދަލު ގެނައީ ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށާއި، މީގެ ސަބަބުން ބޭރު ފައިސާގެ ބާޒާރަށް ވެސް ލުޔެއް ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް 186 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައި ވެ އެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރު ކަމަށާއި، މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު 12 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށް ބީއެމްއެލްއިން ފާހަގަކުރެ އެވެ. މީގެ އިތުރުން، ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު، އެބޭންކުން ފޯރުކޮށްދީފައި ވެ އެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރެވެ.
އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދޭ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ކޮމެންޓު ފޮނުވާ