ބަސްމޮށުންތެރިކަމަކީ ދަރިވަރުންގެ ޝަޚުޞިއްޔަތު ބިނާކުރުމުގެ ތަޅުދަނޑި: ވަޒީރު ޝަހީމް

ބަސްމޮށުންތެރިކަމަކީ ދަރިވަރުންގެ ޝަޚުޞިއްޔަތު ބިނާކުރުމުގެ ތަޅުދަނޑި: ވަޒީރު ޝަހީމް

Author
އަހުމަދު
12 އޮގަސްޓް 2026 09:23
0

ފުރިހަމަ ޝަޚުޞިއްޔަތެއްގެ ވެރި ދަރިވަރުންތަކެއް ބިނާވުމުގައި، ބަސްމޮށުންތެރިކަމުގެ ހުނަރު އެ ކުދިންގެ ކިބައިގައި އަށަގަންނުވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވާހަކަދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ޝަހީމް ވިދާޅުވީ، ދީނީ ނަޒަރަކުން ބެލި ކަމުގައި ވިޔަސް، ފަޞާޙަތްތެރިކަމަކީ ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވާ ސިފައެއް ކަމަށެވެ. މިގޮތުން، ﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކުވެސް ފޮނުއްވާފައި ވަނީ، އެ ބޭކަލެއްގެ ޤައުމުގެ މީހުންނަށް ފަހުމްވާނެ ބަހަކުން މުޢާމަލާތްކުރެއްވޭ ކުޅަދާނަކަން ދެއްވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަޞާޙަތްތެރިކަމުގެ ދަރަޖަ ދީނުގައި މަތިވެރިވެގެންވާ މިންވަރު ބަޔާންކުރައްވަމުން ވަޒީރު އިޝާރާތްކުރެއްވީ، މޫސާގެފާނު ފިރުޢައުނުގެ ގާތަށް ފޮނުއްވެވި ހިނދު، އެކަލޭގެފާނަށްވުރެ ދޫފަރިތަ ބޭކަލެއްކަމުގައިވާ އަޚު ހާރޫނުގެފާނުގެ އެހީތެރިކަމަށް، މޫސާގެފާނު އެދިވަޑައިގެންނެވި ވާހަކައަށެވެ. މިއީ ބަސްމޮށުންތެރިކަމުގެ ސަބަބުން، ފުރުޞަތުތައް ފަހިވެގެންދާނެ މިންވަރު އަންގައިދޭ ދަލީލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމައެފަދައިން، ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ބާވައިލެއްވި ފަސް އާޔަތުގައި ކިޔެވުމަށް އަމުރު ކުރައްވާފައިވުމަކީ، ކިޔުންތެރިކަމާއި ލިޔުންތެރިކަމުގެ މުހިންމުކަން ދައްކުވައިދޭ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.

މޮޅު ވާހަކަދެއްކުންތެރިއަކަށްވުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ހަތަރު ކަމެއް ވަޒީރު ޙިއްޞާކުރެއްވިއެވެ. އެއީ ފޮތްތައް ގިނަގިނައިން މުޠާލިޢާކުރުމާއި، މޮޅު ތަޤުރީރުތައް އަޑުއެހުމާއި، އެ ތަޤުރީރުތައް ދަސްކުރުމާއި، ނުވެ ކެނޑި ފަރިތަކުރުމެވެ. ބައެއް މީހުންނަށް އުފެދުމުގައި މި ހުނަރު ލިބިފައި ވިޔަސް، ގަދައަޅައި މަސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް ކާމިޔާބު ވާހަކަދެއްކުންތެރިއަކަށް ވެވިދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރަސްމިއްޔާތު ނިންމަވައިލައްވަމުން ވަޒީރު އިޢުލާން ކުރެއްވި ޚާއްޞަ ޚަބަރަކީ، ބަސްމޮށުންތެރިކަމުގެ ހުނަރު ކުރިއެރުވުމަށް ހިތްވަރު ދެއްވުމުގެ ގޮތުން، މި އަހަރުން ފެށިގެން މުބާރާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ޚާއްޞަ އިނާމުތަކެއް ހުށަހަޅުއްވަމުން ގެންދަވާނެ ކަމުގެ އުފާވެރި ޚަބަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.