ތެލުގެ އަގު އުފުލި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިކަން ފިލުވާލުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ގެ ކުއްލި އެހީގެ ލޯނެއް ދޫކުރަން ނިންމައިފިއެވެ.
އޭޑީބީން އިއްޔެ ބުނިގޮތުގައި، މި ފައިސާ ދޫކުރަނީ އެ ބޭންކުގެ 'އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް' ގެ ތެރެއިންނެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވުމަކީ ސަރުކާރުގެ މާލީ ހާލަތަށް ބޮޑު ބުރައެއް ކުރިމަތިކޮށްފައިވާ ދެ ކަންތައް ކަމަށް އޭޑީބީން ފާހަގަކުރެއެވެ.
ދޫކުރެވޭ މި ފައިސާއިން ރާއްޖެއަށް ބޭނުންވާ ތެޔޮ ގަނެ، ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑުމެއްނެތި ދެމެހެއްޓުމަށް ހަރަދުކުރާނެއެވެ. ހަމައެއާއެކު، އަތޮޅުތެރެއަށް ސިއްހީ ސާމާނާއި ކާބޯތަކެތި އުފުލުމުގެ ލޮޖިސްޓިކްސް އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ވެސް މީގެ ތެރެއިން ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި އުފައްދާ ކަރަންޓުގެ 94 އިންސައްތައަކީ ޑީސަލުން އުފައްދާ ކަރަންޓު ކަމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއް ސީދާ ރާއްޖޭގެ އިގްތިސާދަށް އަސަރުކުރެއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ ކަރަންޓު އުފެއްދުމަށް ދުވާލަކު 8،000 ފީފާގެ ޑީސަލް ބޭނުންވެއެވެ.
ހަނގުރާމަ ފެށުމުގެ ކުރިން މަހަކު ތެޔޮ އެތެރެކުރުމަށް 50 މިލިއަން ޑޮލަރު ހޭދަވަމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަނީ 116 މިލިއަން ޑޮލަރަށް، އެބަހީ 110 އިންސައްތައިގެ އިތުރުވުމަކާއެކު އުފުލިފައެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު އެކަނިވެސް ތެޔޮ އެތެރެކުރުމަށް 240 މިލިއަން ޑޮލަރު ވަނީ ހޭދަކުރެވިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 50 އިންސައްތައިގެ އިތުރުވުމެކެވެ. ހާއްސަކޮށް ޕެޓްރޯލަށް ކުރި ހޭދަ ވަނީ 22 މިލިއަން ޑޮލަރުން 48 މިލިއަން ޑޮލަރަށް، ދެ ގުނައަށްވުރެ މައްޗަށް އަރާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މޭ މަހު ވޯލްޑް ބޭންކުން ވެސް ވަނީ ތެޔޮ އެތެރެކުރުމަށް އެހީވުމުގެ ގޮތުން ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައެވެ. އެ އެހީއާއެކު، ރާއްޖޭގެ ތެލުގެ ސަޕްލައި ދެމެހެއްޓުމަށްޓަކައި ބައިނަލްއަގްވާމީ ދެ ބޭންކަކުން ދޫކުރި ޖުމްލަ އެހީގެ އަދަދު މިވަނީ 90 މިލިއަން ޑޮލަރަށް އަރާފައެވެ.
ކޮމެންޓު ފޮނުވާ