ކ. ގިރިފުށި ކައިރިން ފަތުރުވެރިންތަކަކާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވެ، މުޅިން އަޑިއަށް ހިނގައްޖެއެވެ.
މި ހާދިސާއާ ގުޅިގެން މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ލޯންޗު ބާރަށް ދިޔަވަމުން ދިޔަ ވަގުތު ކައިރީގައި އޮތް ދޯންޏަކާ ގާތްކޮށް، ލޯންޗުގައި ތިބި މީހުން އެ ދޯންޏަށް އަރުވައި ސަލާމަތްކުރެއެވެ. ލޯންޗުގައި ފިރިހެނުންގެ އިތުރުން އަންހެނުންނާއި ކުޑަކުދިންވެސް ތިބިކަން ވީޑިއޯއިން ފެނެއެވެ. އެންމެން ދޯންޏަށް އެރުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލޯންޗު އެއްކޮށް ކަނޑުއަޑިއަށް ދިޔަ މަންޒަރުވެސް ފެނެއެވެ.
މި ހާދިސާއާ ބެހޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނިކޮށެވެ. ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ކޮމެންޓު ފޮނުވާ