ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭން ފްލީޓު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ކެނެޑާގެ ޑި ހެވިލަންޑް ކުންފުނިން "ޑީއެޗްސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ" މަރުކާގެ ދެ ބޯޓު ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. ޑި ހެވިލަންޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޭޝިއާ ޕެސިފިކް އަދި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ވައިސް ޕްރެޒިޑެންޓް ސޭލްސް، ޔޮގޭޝް ގާރގްއެވެ.
ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓަރ ބޯޓު އޮޕަރޭޓްކުރާ އެއް ޤައުމު ކަމުގައިވާ ދިވެހިރާއްޖެއަށް، "ކްލަސިކް 300-ޖީ" މަރުކާގެ ބޯޓުތައް ތަޢާރަފުކުރެވޭ މިއީ ފުރަތަމަ ފަހަރެވެ. ޑި ހެވިލަންޑް ކުންފުނިން ބުނާ ގޮތުގައި، މި މަރުކާގެ ބޯޓަކީ ދިވެހި ޕައިލެޓުންނާއި އިންޖިނޭރުންގެ ލަފަޔާއި މަޝްވަރާގެ މަތިން، ރާއްޖޭގެ ޖަޒީރާ މާޙައުލާ އެންމެ ގުޅޭގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.
މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، އެންމެ ފަހުގެ އޭވިއޯނިކްސް ވަސީލަތްތައް ހިމެނޭ މި ބޯޓުތަކަކީ އޮޕަރޭޓްކުރަން ފަސޭހަ، އަދި މަރާމާތުކުރުމުގެ ޚަރަދުތައް ވެސް ކުޑަ ބޯޓުތަކެކެވެ. ބޯޓުގެ ބަރުދަން ލުއިވުމުގެ ސަބަބުން، އިތުރު ފަސިންޖަރުންނާއި ކާގޯ އުފުލުމުގެ ޖާގަ ވެސް ލިބިގެންދާނެއެވެ.
ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހަށް ބަލާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމުގައި ޓްވިން އޮޓަރ ބޯޓުތައް އަދާކުރަނީ މައިބަދައިގެ ދައުރެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި މި މަރުކާގެ އެއްހާހަށްވުރެ ގިނަ ބޯޓު މިހާތަނަށް އުފައްދާފައިވާއިރު، ގަނޑުފެނުގެ ސަރަޙައްދުތަކުން ފެށިގެން ހޫނުގަދަ ޤައުމުތަކުގައި ވެސް ބޭނުންކުރެވޭ މި ބޯޓުތަކަކީ ރައްކާތެރިކަމުގެ ގޮތުން ދިވެހިންގެ މެދުގައި ބޮޑު އިތުބާރެއް ހޯދާފައިވާ އުޅަނދުތަކެކެވެ.
ކޮމެންޓު ފޮނުވާ