އަރަބި ދުނިޔޭގައި ފުރަތަމަ ގައުމެއްގެ ގޮތުގައި، މަރުގެ އަދަބު އެއްކޮށް އުވާލުމަށް ލުބުނާނުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.
މެންބަރުންގެ އަޣުލަބިއްޔަތުން 128 މެންބަރުންގެ މަޖިލީހުން ފާސްކުރި މި ބިލުގައިވާ ގޮތުން، މަރުގެ އަދަބުގެ ބަދަލުގައި ދެން ދޭނީ ބުރަ މަސައްކަތާއެކު އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން، ބިލު ގާނޫނަކަށް ވުމުގެ ކުރިން މަރުގެ ހުކުމް އިއްވިފައިވާ މީހުންގެ އަދަބުވެސް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވެ، ލުބުނާނުގެ ގާނޫނުލްއުގޫބާތުގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ހުރިހާ މާއްދާއެއް އުވިގެންދާނެއެވެ.
ލުބުނާނުގައި 2004 ވަނަ އަހަރުން ފެށިގެން މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލައިފައި ވީ ނަމަވެސް، ކޯޓުތަކުން މަރުގެ ހުކުމް އިއްވުން ދިޔައީ ކުރިއަށެވެ. އަލްޖަޒީރާ އާއި ވޮޝިންޓަން ޕޯސްޓުން ލުބުނާނުގެ ޖަސްޓިސް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް 85 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވެއެވެ.
މެންބަރު އަބްދުއްރަހްމާން އަލް ބިޒްރީ ހުށަހެޅުއްވި އިސްލާހުތަކާއެކު މި ބިލު ފާސްކުރި ޖަލްސާ ބޮއިކޮޓު ކުރައްވައި، ހިޒްބުﷲއަށް ނިސްބަތްވާ މެންބަރުން ވަނީ ޖަލްސާ ދޫކޮށް ނުކުމެވަޑައިގެންފައެވެ. އެހެންކަމުން، ބިލު ފާސްވެފައި ވަނީ އެ މެންބަރުންގެ ވޯޓާ ނުލައެވެ.
ޖަސްޓިސް މިނިސްޓަރު އާދިލް ނައްސާރު މަޖިލީހުގައި ވިދާޅުވި ގޮތުގައި، މިއީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ލުބުނާނަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް މި ނިންމުމަށް ވަނީ މަރުހަބާ ކިޔާފައެވެ.
މި ބިލު ގާނޫނަކަށް ވެގެންދާނީ ލުބުނާނުގެ ކެބިނެޓުން ފާސްކުރުމަށްފަހު، ރައީސް ޖޯސެފް އައުން ތަސްދީގު ކުރެއްވުމުންނެވެ.
ކޮމެންޓު ފޮނުވާ