ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ 976 މިލިއަނަށް، 8.7 ޕަސެންޓުގެ ކުރިއެރުމެއް

ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ 976 މިލިއަނަށް، 8.7 ޕަސެންޓުގެ ކުރިއެރުމެއް

Author
އަހުމަދު
12 އޮގަސްޓް 2026 09:23
0

މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ޑޮލަރު އާމްދަނީގެ ގޮތުގައި 976.6 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނީ 898.2 މިލިއަން ޑޮލަރެވެ. އެހެންކަމުން މި އަހަރު އެ އަދަދު 78.4 މިލިއަން ޑޮލަރު އިތުރުވެފައިވެ އެވެ.

ޑޮލަރު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ އިންނެވެ. އެ ގޮތުން ޓީޖީއެސްޓީ އިން އެކަނިވެސް 468.4 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އިންކަމް ޓެކުހުންނެވެ. އިންކަމް ޓެކުހުގެ ގޮތުގައި 121.1 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 88 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 78.9 މިލިއަން ޑޮލަރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި 78 މިލިއަން ޑޮލަރު އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 77.6 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޑޮލަރު އާމްދަނީ އިތުރުވުމަކީ ރާއްޖޭގެ އިގުތިސާދަށް، ހާއްސަކޮށް ބޭރު ފައިސާގެ ރިޒާވަށް ވަރަށް މުހިއްމު ކުރިއެރުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.