މިފްކޯއަށް މަސް ކިރުވުމުން ލިބޭ ބިލް ދައްކައިގެން، ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ އެޅޭ އިންތިޒާމެއް މިއަދު ހަމަޖައްސައިފި އެވެ.
މި ލުއި ހަމަޖައްސައިދީފައި ވަނީ ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މިފްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަނަސްއާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާނެވެ.
މި އިންތިޒާމުގެ ދަށުން، ދޯނިފަހަރުން މިފްކޯއަށް މަސް ކިރުވުމަށްފަހު ލިބޭ ބިލް ހިފައިގެން ގޮސް، އެފްއެސްއެމުން ދޯނިފަހަރަށް ތެޔޮ އެޅޭނެ އެވެ. އަދި އެ ބިލަށްވާ ފައިސާ ކަނޑާނީ، އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިން ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނި ގޮތުގައި، މި އުސޫލުގެ ދަށުން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރެވޭނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި، ސަރުކާރުން މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރަމުންދާ އުސޫލުގެ ދަށުން 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު، 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު، އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1,500 ލީޓަރުގެ ތެޔޮ ދޫކުރެ އެވެ.
މަސްވެރިންގެ އެދުމުގެ މަތިން، އެސްޓީއޯ ނުވަތަ އެފްއެސްއެމް މެދުވެރިކޮށް ލުއިފަސޭހަކަމާއެކު މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން މީގެ ކުރިން ވެސް ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ