މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވި އެއާޕޯޓަކަށް ގަން އިންޓަރނޭޝަނަލް އެއާޕޯޓު ވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ގަން އިންޓަރނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 4,689 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުން 4,282 ފަތުރުވެރިން އައިސްފައިވާއިރު، މި ދެ އެއާޕޯޓާ ދެމެދު ފަރަގު ވަރަށް ކުޑައެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށެވެ. މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 1.2 މިލިއަން ފަތުރުވެރިން، ނުވަތަ ޖުމްލަ އަދަދުގެ %97 އެތެރެވެފައިވަނީ ވީއައިއޭގެ ޒަރީއާއިންނެވެ. ދެންހުރި އެއާޕޯޓުތަކުގެ ތެރެއިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން 2,779 ފަތުރުވެރިން، ވިލާ އިންޓަރނޭޝަނަލް އެއާޕޯޓުން 2,405 ފަތުރުވެރިން، އަދި ދާލު އެއާޕޯޓުން 1,063 ފަތުރުވެރިން އެތެރެވެފައިވެއެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވި އެއާޕޯޓަކަށް ގަން އިންޓަރނޭޝަނަލް އެއާޕޯޓު ވެފައިވާއިރު، ސްރީލަންކަން އެއާލައިންސް އިން މި އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންދެއެވެ. މީގެ އިތުރުން، ޕްރައިވެޓް ޖެޓުތަކުގެ ދަތުރުތައްވެސް މި އެއާޕޯޓަށް ކުރަމުންދެއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެކި ފިޔަވަހިތަކުގައި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދަނީ ކުރިއަށެވެ. މި އެއާޕޯޓަކީ 3،000 މީޓަރުގެ ދިގު ރަންވޭއަކާއެކު، ކޯޑް އީ ކެޓަގަރީގެ ބޮއިން 777 ފަދަ ބޮޑެތި ފްލައިޓު ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ. މިއާއެކު، ދެކުނުގެ ޓޫރިޒަމް އިތުރަށް ފުޅާވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދޮރާށިތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ