ވެޓް މާކެޓު އެޅުމަށް ބޭނުންވާ ބިން ފިޝަރީޒަށް ދޫކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި

ވެޓް މާކެޓު އެޅުމަށް ބޭނުންވާ ބިން ފިޝަރީޒަށް ދޫކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި

Author
އަހުމަދު
10 އޮގަސްޓް 2026 03:55
0

މާލޭގައި ޒަމާނީ ވެޓް މާކެޓެއް ޤާއިމުކުރުމަށް ބޭނުންވާ ބިން މަސްވެރިކަމާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ކުއްލި ޖަލްސާއަށް ހާޒިރުވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރެއްގެ ވޯޓާ އެކު ފާސްކުރި މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ ފަސް ކައުންސިލަރެކެވެ. އެއީ މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ރިލްވާން ޢަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ފާތިމަތު ސަހުލާ އާއި މާފަންނު އުތުރު ދާއިރާގެ ހުސައިން ފުރުޝާން އާއި މައްޗަންގޮޅި އުތުރު ދާއިރާގެ ހަދީޖާ މުހައްމަދު އަދި މައްޗަންގޮޅި މެދު ދާއިރާގެ ހައްވާ ޝިފާނާއެވެ.

ގަރާރުގައިވާ ގޮތުން ވެޓް މާކެޓަށް ދޫކުރަނީ ލޯކަލް މާރުކޭޓު ކައިރީގައި އޮތް 17،558 އަކަފޫޓުގެ ބިމެކެވެ. އަދި ދެ އަހަރާއި ބައިގެ ތެރޭގައި މަޝްރޫޢު ނިންމައި، ބިން އަނބުރާ ކައުންސިލާ ހަވާލުކުރުމާއި، ކުރެހުންތައް ކައުންސިލާ ހިއްސާކުރުމާއި، ބިމުގެ އެއްވެސް ބައެއް ތިންވަނަ ފަރާތަކަށް ދޫނުކުރުން ޝަރުޠުކޮށްފައިވެއެވެ. ހަމައެއާ އެކު، މިހާރު އެ ސަރަހައްދުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ވަގުތީ ގޮޅިތައް ހަމަޖައްސައިދިނުމަށް ފަހުގައި ނޫނީ ޢަމަލީ މަސައްކަތް ނުފެށުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިހާރު ހުރި މަސް މާރުކޭޓަކީ މަސް ވިއްކުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެ ތަނުގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް އެ ތަން ތަރައްޤީކޮށް ނިންމުމަކީ ރައްޔިތުންގެ ވެސް އެދުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން، ވެޓް މާކެޓާ ގުޅޭ ގޮތުން އޮޑިޓުން ފާހަގަކުރެވުނު ކަންކަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މާލޭގެ ހުރިހާ ބާޒާރެއް އެއް ފުރާޅެއްގެ ދަށަށް ގެންނަ ގޮތަށް ފަރުމާކޮށްފައިވާ ފަސް ބުރީގެ މި ކޮމްޕްލެކްސް، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ މާރިޗު މަހުގެ 15 ގައެވެ. މި ޢިމާރާތުގެ ބޭސްމަންޓް ޚާއްޞަކުރަނީ ޕާކިންއަށެވެ. ގްރައުންޑް ފްލޯގައި މަސް މާރުކޭޓާއި، ފުރަތަމަ ތިން ބުރީގައި ތަރުކާރީ ބާޒާރު އަދި ހަތަރު ވަނަ ބުރީގައި ފުޑް ކޯޓެއް ހުންނާނެއެވެ.

މި މަޝްރޫޢު ފެށުމަށް ބިން ހަވާލުނުކުރެވި ލަސްވެފައި އޮތީ، 2023 ވަނަ އަހަރުގެ މާރިޗު 9 ގައި ހައިރު އިންޖިނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާ އެކު ވެފައި އޮތް އެއްބަސްވުމެއް ބާތިލުނުކުރެވި އޮތުމުން ކަމަށް ކައުންސިލުން ކުރިން ވަނީ އިންފްރާސްޓްރަކްޗާ ވުޒާރާއަށް އަންގައިފައެވެ. ނަމަވެސް މިއަދު ފާސްކުރި ގަރާރާ އެކު، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް އޮތް ހުރަސްތަކަށް ނިމުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.