ޣައްޒާއަށް ޓްރަމްޕް ހުށަހެށި ސުލްހައިގެ ޕްލޭން އިސްރާއީލުން ދެކޮޅު ހަދައިފި

ޣައްޒާއަށް ޓްރަމްޕް ހުށަހެށި ސުލްހައިގެ ޕްލޭން އިސްރާއީލުން ދެކޮޅު ހަދައިފި

Author
އަހުމަދު
09 އޮގަސްޓް 2026 07:34
0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 'ބޯޑް އޮފް ޕީސް' އިން ޣައްޒާގެ މައްސަލަ ހައްލުކުރުމަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން ބަލައިނުގަންނަ ކަމަށް ބުނެ، އިސްރާއީލުން އެ ހުށަހެޅުމަށް ރަސްމީކޮށް ދެކޮޅު ހަދައިފިއެވެ.

އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، ފަލަސްތީނުގެ ހަމާސް ޖަމާއަތުން ފުރިހަމައަށް ހަތިޔާރު ބަހައްޓައި، އެ ޖަމާޢަތުގެ އަސްކަރީ ގާބިލުކަން މުޅިން ނައްތާލަންދެން ޣައްޒާއިން އިސްރާއީލު ސިފައިން ފައިބައިގެން ނުދާނެ ކަމަށެވެ. މިއީ މިދިޔަ މަހު ހަމާސް ޖަމާޢަތުން ބަލައިގަނެފައިވާ ޕްލޭނެއް ކަން ފާހަގަކޮށްލެވެއެވެ.

މި ޕްލޭނާ މެދު އެންމެ ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައި ވަނީ، ހަތިޔާރު ބެހެއްޓުމާއި ސިފައިން ފޭބުމުގެ ތަރުތީބުގެ މައްޗަށެވެ. ހަމާސް ޖަމާޢަތުން މި ފްރޭމްވޯކް ބަލައިގަތީ، އިސްރާއީލު ސިފައިން ފޭބުމާއި ހަތިޔާރު ބެހެއްޓުމުގެ ކަންކަން އެއް ވަގުތެއްގައި ކުރިއަށްދާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް، އިސްރާއީލުން ބުނަނީ ހަމާސްގެ ހުރިހާ ލުއި އަދި ބަރު ހަތިޔާރެއް ހަވާލުކޮށް، ބިންގަރާސްތައް ނައްތާލައި، މުޅިން ހަތިޔާރު ނެތިކޮށްލަންދެން 'ޔެލޯ ލައިން' އިން ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލުގެ ދިފާއީ އިސް އޮފިޝަލުން ބޭނުންވަނީ ޣައްޒާގެ ބޯޑަރު ސަރަހައްދުތަކުގެ ކޮންޓްރޯލް ދަމަހައްޓައި، ހަމާސް ޖަމާޢަތަށް އަލުން އަސްކަރީ ބާރު ހޯދިޔަނުދިނުމަށްޓަކައި، މިނިވަންކަމާއެކު އޮޕަރޭޝަންތައް ހިންގުމުގެ ބާރު ދެމެހެއްޓުމަށެވެ. އެމެރިކާއިން އުފައްދާފައިވާ ބޯޑް އޮފް ޕީސްގައި ތުރުކީ އާއި ގަތަރު ފަދަ ގައުމުތަކުން އަދާކުރާ ދައުރާ މެދުވެސް އިސްރާއީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިދިޔަ ހަފްތާގައި ބޯޑް އޮފް ޕީސްގެ ޑައިރެކްޓަރު ނިކޮލައި މިލަޑެނޯވް، ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށްފަހު އެ ބޯޑުން ބުނެފައި ވަނީ، އިސްރާއީލު ސިފައިން ޣައްޒާއިން ފައިބާނީ ހަމާސްގެ ހަތިޔާރު އެއްކޮށް ނައްތާލުމުން ކަމަށެވެ. ނަމަވެސް، ނަތަންޔާހޫ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަނީ، މިހާރު ހުށަހެޅިފައިވާ ޕްލޭނަކީ އިސްރާއީލުގެ ސަލާމަތީ ކަންކަން ފުރިހަމައަށް ކަށަވަރުކޮށްދޭ ޕްލޭނެއް ނޫން ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު ހަމާސްއާއެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އޭގެ ފަހުންވެސް އިސްރާއީލުން ދަނީ މެދުކެނޑުމެއްނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި ހަމަލާތައް ދެމުންނެވެ. މި އާ ހުށަހެޅުން އިސްރާއީލުން ބޭރުކޮށްލުމާއެކު، ސަރަހައްދުގެ ސުލްހައަށް ކުރެވެމުންދިޔަ އުންމީދުތަކަށް އިތުރު ހިޔަނިތަކެއް ވަނީ އެޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.