ހުޅުމާލޭ ދެވަނަ ފިޔަވަހީގެ "އަމާން އުދަރެސް" ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބާއްވައިފިއެވެ.
މި ހަރަކާތް ބާއްވާފައި ވަނީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުންނެވެ. މިއަދު ހެނދުނު ކުރިއަށްދިޔަ މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުގެ އިތުރުން ކުންފުނީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތަކީ އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތާއި ވެމްކޯ އަދި މޯޕާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށާއި، މީގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ މާހައުލަކީ މަދިރި އާލާނުވާނެ ފަދަ އަމާން ތަނަކަށް ހެދުން ކަމަށް އެޗްޑީސީން ބުނެއެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެދުނުކެނޑި ކުރިއަށްދާ "މަދިރިން ރައްކާ" ޕްރޮގްރާމުގެ ދަށުން، ފާއިތުވި ޖުލައި މަހުގެ ނިޔަލަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދި މީގެ ފަހުން ވެސް ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ ވަކި ސަރަހައްދުތަކެއް ސާފުކުރުމުގެ މަސައްކަތް ސިލްސިލާ ގޮތެއްގައި ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ، މިއީ ހަމައެކަނި ކުނި އުކާލުމުގެ ހަރަކާތެއް ނޫން ކަމަށާއި، މީގެ އަސްލު ބޭނުމަކީ ތިމާވެށި ރައްކާތެރިކުރުމުގައި ފަރުދީ ޒިންމާ އާންމުންގެ މެދުގައި އަށަގެންނެވުމާއި، އިޖުތިމާއީ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ. ސާފުކުރުމުގެ ހަރަކާތާ އެއްވަރަށް މަދިރި ކޮންޓްރޯލް ކުރުމަށް ފޮގު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ