އެއްވަނަ އިނާމަކަށް 10000 ރުފިޔާ ކަނޑައާޅާފައިވާ "ފޭސް އަލިގަދަ ތަރި" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ ކުދިންނަށް ހުޅުވާލައިފި އެވެ.
މިއީ ގދ. ފިޔޯރީ، އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމިއްޔާއިން އެއަތޮޅު ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ ދަރިވަރުންނަށް ހުޅުވާލައިގެން ގދ. ފިޔޯރީގައި ސިލްސިލާކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ.
ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމުގެ މަޤްސަދުގައި، ބާއަވާ މި މުބާރާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗް މަހުގެ 05 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 08 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފަރެސްމާތޮޑާ ދާއިރާގެ 3 ރަށުގެ އުމުރުން 06 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފެބުރުވަރީ 14 ވަނަދުވަހުގެ 15:00 އަށް ހުޅުވާލާފައިވާކަމަށް މުބާރާތް އިންތިޒާމްކުރާ ފޭސް ޖަމިއްޔާއިން ބުނެއެވެ.
މި މުބާރާތުން 1 ވަނަ އަށް ހޮވޭ ކުއްޖަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ފިޔޯރީ ފޭސް ޖަމިއްޔާއަކީ އެރަށުގައި ޒުވާނުންނާއި ކުޑަކުދިން ބައިވެރިކޮށްގެން މަދަނީ އަދި އިޖުތިމާއީ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން އެރަށުގެ ބަދަރު ސަރަހައްދުގައި ހުންނަ މިސްކިތް ބެލެހެއްޓުމާއި، ޤުރުއާން ކްލާހެއް ހިންގުމާއި، ލެވެލް 1, 2، 3 އަދި 4 ގެ ޤާރީ ކޯސް ހިންގުމުގެ އިތުރުން އެ ރަށުގެ ބަނދަރު ސަރަހައްދުގައި ވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތްވެސް ކުރަމުން އަންނަނީ އެ ޖަމިއްޔާއިންނެވެ.
ކޮމެންޓު ފޮނުވާ