ގާނޫނީ މައުލޫމާތު އާންމުންނާ ހަމައަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން "އެނގުމަކީ ބާރެއް" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ބަންޑާރަނައިބުގެ އޮފީހާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގުޅިގެން މިއަދު ފަށައިފިއެވެ.
އެއިމް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މި ކެމްޕެއިނުގެ އެންމެ ބޮޑު އަމާޒަކީ ކޮންމެ ރައްޔިތަކަށްވެސް އެ މީހެއްގެ ހައްގުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގި، ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންކަމުގައި އިތުބާރާއެކު ނިންމުންތައް ނިންމުމުގެ ގާބިލުކަން ހޯދައިދިނުމެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނިގޮތުގައި މި ކެމްޕެއިނުގެ ތެރެއިން ސޯޝަލް މީޑިއާ މެދުވެރިކޮށް މައުލޫމާތު ފެތުރުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް، ސީދާ ރައްޔިތުންނާ ބައްދަލުކޮށްގެން ހޭލުންތެރިކުރުވުމުގެ ތަފާތު އިވެންޓްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތްތަކުގެ ތެރެއިން، އާންމު ދިރިއުޅުމާ ސީދާ ގުޅުންހުރި މުހިންމު ގާނޫނީ މައުލޫމާތުތައް، ފަސޭހައިން ފަހުމުވާނެ ގޮތަކަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އޭޖީ އޮފީހުން ފާހަގަކުރި ގޮތުގައި، ގާނޫނީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށާއި، ގާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމަކީ އެ އޮފީހުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ އެއް މަސައްކަތެވެ.
ކޮމެންޓު ފޮނުވާ