ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

Author
އަހުމަދު
06 އޮގަސްޓް 2026 01:55
0

ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ރައީސްގެ ހުއްދައާ އެކު ބިން ދޫކުރެވޭ ގޮތަށް، "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" އިއްޔެ އާންމުކޮށްފި އެވެ.

އަލަށް އަމަލުކުރަން ފެށި މި ގަވާއިދާ އެކު، 2024 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ގަވާއިދު ވަނީ އުވިފަ އެވެ. ކުރީގެ ގަވާއިދަށް ގެނެވުނު މައިގަނޑު ބަދަލަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް މާއްދާއެއް އިތުރުކުރުމެވެ.

އަލަށް ހިމެނި މާއްދާގައި ބުނާ ގޮތުން، ސަރުކާރުން ކަނޑައަޅާ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ބިމާ ބެހޭ އިދާރާގެ ލަފާގެ މަތިން، އަދި ރައީސްގެ ހުއްދައާ އެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރެވިދާނެ އެވެ. މީގެ އިތުރުން، ބިން ދޫކުރެވޭ ފަރާތްތައް ބަޔާންކުރާ މާއްދާގައި ވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް މިހާރު ވަނީ ހިމަނާފަ އެވެ.

ދޫކުރާ ބިމުގެ އަގާއި ކުލި ކަނޑައަޅާނީ، ކުރިން ވެސް އަމަލުކުރަމުން އައި ގޮތަށް، އެކަމަށްޓަކާ އެކުލަވާލާ ލޭންޑް ވެލުއޭޝަން ކޮމިޓީން ކަމަށް ގަވާއިދުގައި ބުނެ އެވެ. މި ކޮމިޓީ ޗެއާ ކުރައްވާނީ ރައީސް އައްޔަންކުރައްވާ މެމްބަރެކެވެ.

ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގައި ކުރިން ހިމެނުނު މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ، އަލަށް އާންމުކުރި ގަވާއިދުގައި ވަނީ އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާއިން ދެ މެމްބަރުން ހިމަނާ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

އެގޮތުން ކޮމިޓީގައި ދެން ތިއްބަވާނީ މާލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރަކާއި، ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ދެ މެންބަރުންނާއި، އިގްތިސާދާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރަކާއި، މަސްވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރަކާއި، ފަތުރުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރަކާއި، އިމާރާތްކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރަކާއި، ދަނޑުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއްގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މެންބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.