ދިވެހި އިންޖިނިއަރުންގެ ހުނަރު ފާހަގަކުރާ ހާއްސަ އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި

ދިވެހި އިންޖިނިއަރުންގެ ހުނަރު ފާހަގަކުރާ ހާއްސަ އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި

Author
އަހުމަދު
06 އޮގަސްޓް 2026 10:24
0

ދިވެހި އިންޖިނިއަރުންގެ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ފާހަގަކުރުމުގެ ގޮތުން ދޭ "އިންޖިނިއާސް އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ (ހައުސިން މިނިސްޓްރީ) އިން ހުޅުވާލައިފި އެވެ.

ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ އެވޯޑް 10 ގިންތިއަކުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން، އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް، އިންޖިނިއަރިން ކޮންސަލްޓަންޓް/ކޮންސަލްޓަންސީ ފާމް އޮފް ދި އިޔާ އެވޯޑް، ކޮންޓްރެކްޓަރ އޮފް ދި އިޔާ އެވޯޑް، ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް، އަދި ވިމެން އިން އިންޖިނިއަރިން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ލައިފްޓައިމް އެޗިވްމަންޓް އެވޯޑް، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް، ސްޓޫޑަންޓް އިނޮވޭޓާ އެވޯޑް، އިންޖިނިއަ އޮފް ދި އިޔާ އަދި ޔަންގް އިންޖިނިއަ އެވޯޑްވެސް ދޭނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި އެވޯޑުގެ މައިގަނޑު މަގުސަދަކީ ދިވެހި އިންޖިނިއަރުންގެ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ފާހަގަކުރުމާއި، ގައުމީ ތަރައްގީގައި އެ ބޭފުޅުން އަދާކުރައްވާ ދައުރަށް އަގު ވަޒަންކުރުމެވެ. އަދި މި ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން ބޮޑުކޮށް، މި ދާއިރާއިން ތައުލީމު ހާސިލްކުރުމަށް ހިތްވަރު ދިނުމަކީވެސް މުހިއްމު މަގުސަދެއް ކަމަށް ބުނެފައިވެ އެވެ.

މި އެވޯޑަށް ސަރުކާރު އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އިންޖިނިއަރިން ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާއި ފާމުތަކާއި، ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުންނާއި، މަޝްރޫއުތައް ހިންގާ ޕްރޮޖެކްޓް ޓީމުތަކުގެ އިތުރުން، ތައުލީމީ ދާއިރާ އަދި ދިރާސާކުރާ ޓީމުތަކަށްވެސް ކުރިމަތިލެވޭނެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އިންޖިނިއަރުންނަށް ހާއްސަ ގައުމީ އެވޯޑެއް ދިނުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ފާހަގަކުރި އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.