ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ދޯންޏެއް އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އަށް މީހުންނާއެކު ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4″ ނަމަކަށްކިޔާ ސަޕްލައި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 23:22 ހާއިރެވެ. ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތްކުރެވިފައިވާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި ތިން މީހަކު ވަނީ ގެއްލިފައެވެ.
ގެއްލިގެން ހޯދަމުންދަނީ ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) ގެ އިތުރުން، ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ވަގުތާ ހަމައަށްވެސް ގެއްލިގެން ހޯދަމުންދާ އެއްވެސް މީހަކު ފެނިފައިނުވާ ކަމަށާއި، ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ. ވައިގެ މަގުން ޔޫއޭވީއަކާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ސަރަޙައްދު ބަލަމުންދާއިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ