ގެއްލުނު ތިން މީހުން ހޯދުމަށް ޑްރޯނާއި މޯލްޑިވިއަންގެ ފްލައިޓް ބޭނުންކުރަން ފަށައިފި

ގެއްލުނު ތިން މީހުން ހޯދުމަށް ޑްރޯނާއި މޯލްޑިވިއަންގެ ފްލައިޓް ބޭނުންކުރަން ފަށައިފި

Author
އަހުމަދު
06 އޮގަސްޓް 2026 10:18
0

ލ. އަތޮޅުން ފުރައިގެން ހުވަދޫ އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ "ފްރެންޑް 4″ ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް ވައިގެ މަގުންނާއި ކަނޑުމަގުން ފުޅާ ދާއިރާއެއްގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ފަށައިފި އެވެ.

އެމްއެންޑީއެފުން 'އެކްސް' މެދުވެރިކޮށް ބުނެފައިވާ ގޮތުގައި ވައިގެ މަގުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ޔޫއޭވީ (ޑްރޯން) އަދި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަމުންދާއިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ފުލުހުންގެ އުޅަނދުތައް އެ ސަރަހައްދުގައި މެދުނުކެނޑި ދަނީ ހަރަކާތްތެރިވަމުންނެވެ. މި މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ގެއްލިފައިވަނީ ދޯނި ސަލާމަތްކުރުމަށް ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި، ފުލުހަކާއި، ދޯނީގެ ކެޕްޓަނެވެ. މި ތިން ބޭފުޅުން ގެއްލިފައިވަނީ ދިޔަވަމުންދިޔަ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، އެ އުޅަނދު އެއްކޮށް އަޑިއަށް ދިޔަ ވަގުތުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ކަނޑުމަތީގައި މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވަމުންދާއިރު، މޫސުން ގޯސްވުމާއި އެކިއެކި އެކްސިޑެންޓްތަކުގައި ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.