މާލޭގައި ގޮނޑުހޮވަން މަގުމަތިވެފައި ތިބި ހާހެއްހާ ކުދިން ރިހެބިލިޓޭޓް ކުރަންޖެހޭ: އާޒިމް

މާލޭގައި ގޮނޑުހޮވަން މަގުމަތިވެފައި ތިބި ހާހެއްހާ ކުދިން ރިހެބިލިޓޭޓް ކުރަންޖެހޭ: އާޒިމް

Author
އަހުމަދު
05 އޮގަސްޓް 2026 11:03
0

މާލެ ސަރަހައްދުގައި ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން އެބަތިބިކަމަށާއި، އެ ކުދިން ރިހެބިލިޓޭޓް ކޮށްގެން މުޖުތަމައަށް އަނބުރާ ގެންނަންޖެހޭކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި މަގުމަތިވެގެން އުޅޭ، ކުށްކުރާ ހާހެއްހާ މީހުން ތިބިކަމުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ދީފައިވާކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށްވިޔަސް، އެފަދަ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅެއް އެޅެމުން ނުދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ މާލޭގެ މަގުތައް މަތީގައާއި އެކިއެކި ތަންތަނުގައި ނިދައި، ގޮނޑުހޮވައިގެން އުޅޭ ކުދިން ބޭނުން ނުވާ ތަކެތި މަގުމައްޗަށް އުކާ މައްސަލަ ބޮޑުވެފައިވާކަމަށެވެ. މިފަދަ ކުދިން މުޖުތަމައުގައި މިހެން ދޫކޮށްލައިގެން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސިޓީ ކައުންސިލާއި ދައުލަތް ގުޅިގެން އެ ކުދިންނަށް އެހީވުމަށް ގޮތްތަކެއް ހޯދަންޖެހޭ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

"އެ ކުދިން ރިހެބިލިޓޭޓް ކޮށްފައި އަލުން މުޖުތަމައަށް ގެންނަން މަސައްކަތް ކުރަންޖެހޭ. އަބަދުވެސް މި ކުދިން މާލެ ތެރޭގައި އެބަ އުޅޭ. ތިމަންނާމެންނަށް އެ ކުދިންނަށް ފިޔަވަޅެއް ނޭޅޭ. ފިޔަވަޅު އަޅާކަށް ނޫން ބޭނުންވަނީ. އެ މީހުން ޖަލަށް ލާކަށް ނޫން ބޭނުންވަނީ. ބޭނުންވަނީ އެ މީހުން ރަނގަޅު ކުދިންނަށް ހަދާފައި މުޖުތަމައަށް ނެރެން،" މޭޔަރު ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުންގެ އިދާރާވެސް އިތުރަށް ހަރުދަނާވާން ޖެހޭކަމަށާއި، ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ދައުލަތުން ފޯރުކޮށްދޭން ޖެހޭކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކުދިން އަލުން މުޖުތަމައަށް ނެރުމަށްޓަކައި އެންޑީއެމްއޭ އާއި ފުލުހުންނާއި، ސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށާއި، ރަނގަޅު ނިޔަތެއްގައި މަސައްކަތް ކޮށްފިނަމަ އެ ހާހެއްހާ ކުދިން މުޖުތަމައަށް އަނބުރާ ގެނައުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ކުދިންގެ ކަންތައް މިހެން ދޫކޮށްލައިފި ނަމަ މާލޭގެ ހާލަތު ރަނގަޅު ނުވާނެ ކަމަށާއި، ނަމަވެސް އެ ކުދިން ރަނގަޅު ކުރެވިއްޖެ ނަމަ މާލޭގެ ވެއްޓަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފަހަކަށް އައިސް މާލޭގެ ކުނި ޑަސްބިންތައް ހޮވުމާއި، މަގުމަތީގައާއި މިސްކިތްތަކުގައި ނިދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ތެރެއިން ބައެއް މީހުން މިސްކިތްތަކުގެ ފާހާނާތައް ބޭނުންކޮށް ހަޑިކުރާ މައްސަލަ ވަނީ ފެންމަތިވެފައެވެ. މި މައްސަލައާ ގުޅިގެން މިސްކިތްތަކުގެ ފާހާނާތައް ތަޅުލުމުން، މިސްކިތްތަކަށްވެސް ގެއްލުންދޭ މައްސަލަ ވަނީ ދިމާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.