ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަނީ

ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަނީ

Author
އަހުމަދު
05 އޮގަސްޓް 2026 06:24
0

ސަރުކާރުން ތަޢާރަފުކުރި "ޕާލް ރެސިޑެންސް" ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ވަޙްދަތަށާއި ސިޔާދަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ޕްރޮގްރާމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް އިލްމުވެރިންގެ ގުޅުމުން ނިންމައިފިއެވެ.

މި ނިންމުން ހާމަކުރައްވައި އިލްމުވެރިންގެ ގުޅުމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމުގެ މަޤްޞަދުގައި އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ މި ރެސިޑެންސީ ޕްރޮގްރާމުގެ ސަބަބުން ޤައުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އެ ޖަމާޢަތުން ބުނިގޮތުގައި، މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމީ އިޖުތިމާޢީ ގޮތުންނާއި ދިވެހީންގެ ޘަޤާފަތާއި އިޤްތިޞާދީ މިނިވަންކަމަށް ޢިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން ދީނީ ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާތީއެވެ.

ހަމައެއާއެކު، ޕާލް ރެސިޑެންސް ޕްރޮގްރާމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، މި ޕްރޮގްރާމުގެ ދިފާޢުގައި ސަރުކާރުން ބުނަނީ، މިއީ ރާއްޖެއަށް އެއްވެސް ގެއްލުމެއް ލިބޭ ފަދަ ޕްރޮގްރާމެއް ނޫން ކަމަށެވެ. މި ބަހުސް ރައްޔިތުންގެ މަޖިލީހަށްވެސް ފެތުރިފައިވާއިރު، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ، މިހާރުވެސް ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ރެސިޑެންސް ވިސާ ދޫކުރަމުން އަންނަ ކަމަށާއި، މިއީ މުޅިން އަލަށް ފެށޭ ކަމެއް ނޫން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ވަޒަންވެރިވުމުގެ ފުރުޞަތު ފަހިކޮށްދޭ މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމެއްގައެވެ. މި ޕްރޮގްރާމުގެ ދަށުން، ދިވެހި ސަރުކާރާއި ބައިނަލްއަޤްވާމީ ރެސިޑެންސީ އެންޑް ސިޓިޒަންޝިޕް އެޑްވައިޒަރީ ފާމް، ހެންލީ އެންޑް ޕާޓްނާސްއާ ދެމެދު ރެޒިޑެންސީ ބައި އިންވެސްޓްމަންޓް އެއްބަސްވުމެއްގައި މީގެ ކުރިން ވަނީ ސޮއިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.