ރަތްކަނޑުގައި ދަތުރުކުރަމުންދިޔަ އިންޑިއާގެ ދިދަ ނަގާފައިވާ މުދާ އުފުލާ އުޅަނދަކަށް ދިން ހަމަލާއެއްގައި އެ އުޅަނދު ފެތި، ފަޅުވެރިން ސަލާމަތްކޮށްފިއެވެ.
"އެމްއެސްވީ ފާއިޒް ނޫރީ އޯލިޔާ"ގެ ނަން ދީފައިވާ މި އުޅަނދު ދަތުރުކުރަމުން ދިޔައީ ޔަމަނުގެ ހުޅަނގު އައްސޭރިފަށުންނެވެ. ހަމަލާ އަމާޒުވެފައިވަނީ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ހުދެއިދާ ބަނދަރުގެ ދެކުނުން 14 ނޯޓިކަލް މޭލު ބޭރުގައި އުޅަނދު އޮއްވައެވެ.
އުޅަނދުގައި ތިބި 14 ފަޅުވެރިންގެ ތެރެއިން 13 އިންޑިއާ ރައްޔިތުންނާއި ޔަމަނުގެ އެއް ފަޅުވެރިއަކު ސަލާމަތްކޮށްފައިވަނީ ޔަމަނުގެ ނޭޝަނަލް ރެސިސްޓެންސް ފޯސްގެ ކޯސްޓްގާޑާއި ނޭވީ ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައެވެ. ސަލާމަތްކުރެވުނު ފަޅުވެރިންނަށް މިހާރު ވަނީ ބޭނުންވާ ސިއްހީ ފަރުވާ ދީފައި ކަމަށާއި، އެންމެން މިހާރު ތިބީ ޔަމަނުގެ މޮޚާ ބަނދަރުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާއާ ގުޅިގެން އިންޑިއާގެ ޝިޕިން މިނިސްޓަރު ސަރުބާނަންދާ ސޮނޯވާލް ވަނީ ހަރުކަށި ބަހުން ހަމަލާ ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ ފަޅުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ހާމަކުރި ގޮތުގައި ރިޔާޟްގައި ހުންނަ އެ ގައުމުގެ އެމްބަސީ މެދުވެރިކޮށް ހާލަތު ގާތުން ބަލަމުންދެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގައި ވިޔަފާރި އުޅަނދުފަހަރަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ކަނޑު ދަތުރުފަތުރުގެ މިނިވަންކަން އިއާދަކުރުމަށްވެސް އިންޑިއާއިން ވަނީ ގޮވާލާފައެވެ.
ހަނދާންކޮށްލަން ޖެހޭ ކަމަކީ، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށް އަމާޒުކޮށްގެން ހޫޘީން ރަތްކަނޑުގައި ހަމަލާދޭން ފެށިކަމެވެ. ނަމަވެސް ފަހަކަށް އައިސް މި ހަމަލާތައް ވަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ އުޅަނދުތަކުގެ އިތުރުން، އެ ނޫން ބައިނަލްއަގުވާމީ ވިޔަފާރި އުޅަނދުފަހަރަށްވެސް ފުޅާވެފައެވެ.
ދުނިޔޭގެ ތެލާއި މުދާ އުފުލުމުގެ އެންމެ މުހިންމު އެއް ދޮރާށި ކަމަށްވާ ބާބު އަލްމަންދަބު ކަނޑުއޮޅި އޮންނަނީ މި ސަރަހައްދުގައި ކަމަށްވުމުން، މި ފަދަ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. ގިނަ ޝިޕިން ކުންފުނިތަކުން މިހާރު ދަތުރުކުރަނީ އެފްރިކާ ވަށައި އޮންނަ ދިގު މަގުން ކަމަށްވުމުން، މުދާ އުފުލުމުގެ ހަރަދު ބޮޑުވެ، ފޯރުކޮށްދިނުމަށްވެސް ދަނީ ލަސްވަމުންނެވެ. މި ސަރަހައްދު ބެލެހެއްޓުމަށް އެމެރިކާ އިސްވެ އުފައްދާފައިވާ ބައިނަލްއަގުވާމީ ކޯލިޝަނުން މަސައްކަތްކުރި ނަމަވެސް، ހަމަލާތައް ހުއްޓޭ ގޮތެއް އަދި ވަނީ ނުވެފައެވެ.
ކޮމެންޓު ފޮނުވާ