އިޖުތިމާއީ އެހީ ސީދާ ހައްގުވެރިންނަށް ލިބޭކަން ކަށަވަރުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ މޮނިޓަރިންގ މަސައްކަތް އަލުން ފަށައިފިއެވެ.
2020 ވަނަ އަހަރު އެ އިދާރާގެ މޮނިޓަރިންގ ސެކްޝަން އުވާލި ފަހުން، އެހީ ލިބޭ ފަރާތްތަކުގެ ހާލަތު ބެލޭނެ ފުރިހަމަ ނިޒާމެއް ނެތި، ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔަކަން ވަނީ ހާމަވެފައެވެ. އެގޮތުން، ނިޔާވެފައިވާ 700 އަށްވުރެ ގިނަ މީހުންގެ އެކައުންޓްތަކަށް ޖުމްލަ 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާވެފައިވާކަން އެންސްޕާއިން ވަނީ ފާހަގަކޮށްފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ، މޮނިޓަރިންގ ސެކްޝަން އުވާލުމުގެ ސަބަބުން ދިމާވި މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި، އެ ސެކްޝަން އަލުން އިޔާދަކޮށް ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ނިޔާވެފައިވާ މީހުންގެ އެކައުންޓްތަކަށް ޖަމާވެފައިވާކަން ވަނީ ހާމަވެފައި. މިއީ ކިހާ ބޮޑު ގެއްލުމެއްތޯ؟" ޝިރުނާ ސުވާލު އުފެއްދެވިއެވެ.
އެންސްޕާގައި ޖުމްލަ 15،000 އެއްހާ މީހުން ރަޖިސްޓްރީވެފައިވާއިރު، މީގެ ކުރިން މޮނިޓަރިންގ ސެކްޝަނުން ދިޔައީ ގުރައިދޫ މަރުކަޒުގައި ތިބޭ މީހުންނާއި، އެހީ ލިބޭ އެހެނިހެން ފަރާތްތަކުގެ ހާލަތަށް އަންނަ ބަދަލުތައް ގަވާއިދުން ބަލައި، މައުލޫމާތު އަދާހަމަކުރަމުންނެވެ. ނަމަވެސް އެ މަސައްކަތް ހުއްޓުމަކަށް އައުމުން، ހާލަތު ބަދަލުވި މީހުންނާއި ނިޔާވި މީހުންގެ މައުލޫމާތު އަދާހަމަނުކުރެވި، ހައްގު ނޫން ފަރާތްތަކަށް ފައިސާ ދެވޭ މައްސަލަ ބޮޑުވެގެންދިޔައެވެ.
އެކަނިވެރި މައިންބަފައިންނަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ފަދަ ޕްރޮގްރާމްތައް ހިންގާ މައި އިދާރާ ކަމަށްވާ އެންސްޕާއިން މިހާރު އަމާޒު ހިފާފައިވަނީ، މޮނިޓަރިންގ ނިޒާމު ހަރުދަނާކޮށް، ދައުލަތުގެ އެހީ ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށެވެ.
ކޮމެންޓު ފޮނުވާ