ބޭނުންވާ މިންވަރަށްވުރެ ބޮޑެތި މިސްކިތްތައް ބިނާކުރުމުގެ ބޭނުމެއް ނެތް: ޝަހީމް

ބޭނުންވާ މިންވަރަށްވުރެ ބޮޑެތި މިސްކިތްތައް ބިނާކުރުމުގެ ބޭނުމެއް ނެތް: ޝަހީމް

Author
އަހުމަދު
04 އޮގަސްޓް 2026 02:49
0

ރަށްރަށުގައި ބޭނުންވާ މިންވަރަށްވުރެ ބޮޑެތި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ ބަދަލުގައި، އެ ރަށަކާ އެކަށޭނަ މިންވަރެއްގެ ތަނެއް ބިނާކުރުން މާ ބުއްދިވެރި ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހއ. ހޯރަފުށީގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ހޯރަފުށީގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށާއި، އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ވުޒާރާއަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ވުޒާރާއިން ދަނީ އިސްލާމީ މަރުކަޒުތައް ޑިޒައިން ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އަލަށް ބިނާ ކުރާ ރަށްރަށުގައި ބޭނުން ކުރާނީ އައު ޑިޒައިންތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ވޭތުވެދިޔަ ދުވަސްވަރުތަކުގައި ބައެއް ރަށްރަށުގައި ގާއިމުކުރެވިފައި ހުރި އިސްލާމީ މަރުކަޒުތަކަކީ އެ ރަށްރަށަށް ބޭނުންވާ ވަރަށްވުރެ މާ ބޮޑެތި ތަންތަން ކަމަށާއި، އޭގެ ސަބަބުން މާލީ ބުރައެއް އުފުލަން ޖެހޭ ކަން ވަޒީރު ފާހަގަކުރެއްވިއެވެ. ކްލާސްރޫމުތައްވެސް ބޮޑުވުމުގެ ސަބަބުން ޚަރަދު އިތުރުވެ، ފަހުން އެ ތަންތަން ބެލެހެއްޓުމުގައި ދަތިތަކަކާ ކުރިމަތިވާ ކަމަށާއި، އޭގެ ގެއްލުން ސީދާ ފޯރަނީ ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވިއެވެ.

"މިސާލަކަށް 2000 މީހުން ނުވަތަ 3000 މީހުންނަށް ނަމާދު ކުރެވޭ ވަރަށް ޖާގަ ހަދާފަ އެކަމަކު ނަމާދަށް އެތަނަކަށް އެހާ ގިނަ މީހުންނެއް ނާރާ. އެއްސަފު ނުވަތަ ބައި ސަފު އޮންނަނީ. އެހެންވީމަ އެއީކީ އޭގެ އެންމެ މުނާސިބު ގޮތެއް ނޫން. ބޭނުންވާ މިންވަރުގެ ތަންތަން ހެދުމަކީ ވަރަށް މުހިންމު ކަމެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވިސްނުމަކީ އެ ރަށަކާ އެކަށޭނަ، ޚަރަދު ކުޑަ، އަދި އެ ރަށަކަށް ބޭނުންވާ މިންވަރުގެ އިސްލާމީ މަރުކަޒުތައް ބިނާކުރުމެވެ.

ހޯރަފުށީގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ ކުރެހުންތައް ތައްޔާރުކުރުމަށް މިހާރު އިޢުލާނުކޮށްފައިވާ ކަމަށާއި، ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކުރެހުންތައް ނިންމައި، މި އަހަރު ނިމުމުގެ ކުރިން މަޝްރޫޢު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.